މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފުލާގައި، އާމްދަނީން ނަގާ ޓެކްސްގެ ބައިން ފަރުދުންގެ ކެޓަގަރީން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ހިމެނިވަޑައިގަންނަވާހެން 19 ފަރާތަކަށް "ރަން ލާރި އެވޯޑު" އަރުވައިފިއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ އެވޯޑުތައް ދީފައިވަނީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ޓެކްސް އެންމެ ފުރިހަމައަށް އަދާކޮށް، ދައުލަތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދެއްކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 12 ގިންތިއަކުންނެވެ.

މި ހަފުލާގައި އާމްދަނީން ނަގާ ޓެކްސްގެ ބައިން ފަރުދުންގެ ކެޓަގަރީން އަހުމަދު ސިޔާމް މުހައްމަދު އެވޯޑު ހާސިލުކުރެއްވި އިރު، ސިޔާމަކީ ސަން ސިޔާމް ގްރޫޕުގެ ދަށުން ރާއްޖޭގައި ފެންވަރު ރަނގަޅު ގިނަ ރިސޯޓުތަކެއް އަންނަ ވިޔަފާރިވެރިއެވެ.

6 އޯގަސްޓް 2026، މީރާއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފުލާގައި، "ރަން ލާރި އެވޯޑު" ދިނުން -- ފޮޓޯ/ މީރާ

މީގެ އިތުރުން ޖީއެސްޓީ އާއި، އިންކަމް ޓެކްސް އަދި އެއާޕޯޓް ޓެކްސް ފަދަ ތަފާތު ގިންތިތަކުން ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި ކުންފުނިތަކަށާއި، ބޭންކުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ވަނީ އެވޯޑު ދީފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން 150 އެނދަށްވުރެ މަދު ރިސޯޓުތަކުގެ ގިންތިން ޖީއެސްޓީ އާއި ގްރީން ޓެކްސް އެންމެ ރަނގަޅަށް ދައްކައިގެން އެވޯޑު ހާސިލުކުރީ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްއެވެ. އަދި 151 އެނދާއި 250 އެނދާ ދެމެދުގެ ގިންތިން ދި ރިޓްޒް-ކާލްޓަން މޯލްޑިވްސް، ފާރި އައިލެންޑްސް އެވޯޑު ހޯދި އިރު، 250 އެނދަށްވުރެ ބޮޑެތި ރިސޯޓުތަކުގެ ގިންތިން އެވޯޑު ހާސިލުކުރީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓެވެ.

6 އޯގަސްޓް 2026، މީރާއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފުލާގައި، "ރަން ލާރި އެވޯޑު" ދިނުން -- ފޮޓޯ/ މީރާ

ޓޫރިސްޓް ހޮޓާތަކުގެ ގިންތިން އެވޯޑު ހާސިލުކުރީ ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އެވެ. ގެސްޓްހައުސް ގިންތިން ސަމަން ގްރޭންޑް އެވޯޑު ހޯދި އިރު، ޓޫރިސްޓް އުޅަނދުފަހަރުގެ ގިންތިން އެވޯޑު ލިބުނީ ވިލަމެންދޫ އިންވެސްޓްމަންޓްސްއިން އޮޕަރޭޓްކުރާ "ގޮމަފުޅު" އުޅަނދަށެވެ. މީގެ އިތުރުން ޓްރެވަލް އެޖެންސީ ގިންތިން އެވޯޑު ހާސިލުކުރީ އިންޓުއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ ކުންފުނިތަކުގެ ގިންތިން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް އެވޯޑު ލިބުނު އިރު، އެއާޕޯޓް ޓެކްސް އާއި ފީ އެންމެ ގިނައިން ދެއްކި ފަރާތުގެ އެވޯޑު ލިބުނީ އިއްތިހާދު އެއާވޭސް އަށެވެ. ބޭންކުތަކަށް ހާއްސަ އިންކަމް ޓެކްސް ގިންތިން އެވޯޑު ހާސިލުކުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ. އަދި އާމްދަނީ 200 މިލިއަން ރުފިޔާއަށްވުރެ މަތީގެ ގިންތީގެ އެވޯޑު އުރީދޫ މޯލްޑިވްސް އިން ހާސިލުކުރި އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން "ރަން ލާރި އެވޯޑު" ހޯދީ ދިރާގުންނެވެ.

6 އޯގަސްޓް 2026، މީރާއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފުލާގައި، "ރަން ލާރި އެވޯޑު" ދިނުން -- ފޮޓޯ/ މީރާ

"ރަން ލާރި އެވޯޑު" އަކީ ގާނޫނާ އެއްގޮތަށް ގަވާއިދުން ޓެކްސް ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި، މުއްދަތު ހަމަވުމުގެ ކުރިން ޓެކްސް ދެއްކުމުގެ ހެޔޮ ސަގާފަތެއް ގާއިމުކުރުމުގެ މަގުސަދުގައި މީރާ އިން ދެމުން އަންނަ ހާއްސަ އެވޯޑެކެވެ. މީރާއިން "ރަން ލާރި އެވޯޑު" ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ.