ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ ކުންފުންޏެއް ކަމަށްވާ އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ދޫކުރި، ނ. މިނާވަރުގެ އެއްބަސްވުން ބާތިލުކޮށްފައިވާނީ ރަނގަޅަށްކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.
މިނާވަރަކީ 2010 ވަނަ އަހަރު ދިވެހި ސަރުކާރުގެ ފަރާތުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާއި އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް އިމްޕެކްސް ފިޝަރީޒް މޯލްޑިވްސްއަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 12 ގައި މިނާވަރު މޮނިޓާ ކުރުމަށް މިނިސްޓްރީން ކުރި ދަތުރުގައި ދެ ފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގައި ވާގޮތަށް އެރަށުގައި ސިޔާމްގެ ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދާކަން އެ ދަތުރުގައި ހެދި، ދަތުރު ރިޕޯޓުގައިވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރިއަށްގެންދަން މިދިޔަ މާޗް މަހުގެ 19 އިން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ މުއްދަތެއް އިމްޕެކްސްއަށް ދިނެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސްފި ނަމަ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބަޔާންކޮށް އިމްޕެކްސްއަށް ނޯޓިހެއް ފޮނުވިއެވެ. މި ނޯޓިހާ ގުޅިގެން އިމްޕެކްސް އިން ހަމަ އެ ދުވަހު މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ.
މޮނިޓަރިން ދަތުރުގެ ރިޕޯޓް މިނިސްޓްރީން އިމްޕެކްސްއާ ހިއްސާކޮށްފައި ނުވާ ކަމަށް މި ސިޓީގައި ފާހަގަކުރިއެވެ. އަދި އޭރު ހިނގަމުންދަނީ ރަމަލާން މަހުގެ ދުވަސްތައް ކަމަށްވާތީ އާއި މިނިސްޓްރީން ފާހަގަކުރާ ކަންކަމަކީ ކޮންސަލްޓަންޓުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދެވޭނޭ ކަންކަމަށް ވުމުން، މިނިސްޓްރީން ފޮނުވި ނޯޓިހުގެ މުއްދަތު ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެން ހަމަޖައްސައިދިނުމަށް އެދުނެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން ދީފައިވާ ނޯޓިހުގައި ބަޔާންކުރާ ގޮތަށް، މިނާވަރުގެ ވޯކް ޕްލޭނާ އެއްގޮތަށް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ކަމަށްބުނެ މިދިޔަ މެއި މަހުގެ ފަހެއްގައި އެއްބަސްވުން ބާތިލުވެއްޖެ ކަަމަށް މިނިސްޓްރީން އިމްޕެކްސްއަށް އެންގިއެވެ. އެއާއެކު އެ ރަށުގައި ހުރި އިމްޕެކްސްގެ އުފުލޭ މުދާ 14 ދުވަހުގެ ތެރޭގައި ރަށުން ގެންގޮސް އެކަން މިނިސްޓްރީއަށް އެންގުމަށާއި އެ މުއްދަތުގެ ތެރޭގައި އެ މުދާ ނުގެންގޮސް ރަށަށް ދޫކޮށްލާ ތަކެއްޗަކީ ދައުލަތުގެ މުދާކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށް، އެގޮތަށް ދޫކޮށްލާ މުދަލުގެ ބަދަލު ލިބި ނުދެވޭނެކަން ވެސް އެންގިއެވެ. އަދި އެ ރަށުގެ ފަސްގަނޑުގައި އިންދާފައިވާ އެއްވެސް ރުކެއް ނުވަތަ ގަހެއް ކެނޑުމާއި ނެގުންފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީން އެންގިއެވެ.
މި މައްސަލައާ ގުޅިގެން އެކަންކަން އަންގައި އިމްޕެކްސްއަށް ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކޮށްދިނުމަށާއި މިކަމާ ގުޅިގެން އިމްޕެކްސްއިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދައުވާގައި ވަކިގޮތެއް ކަނޑައަޅަންދެން "ނ. މިނާވަރު" ކިޔާ ފަޅު ރަށް ކުއްޔަށް ދިނުމަށްޓަކައި 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަމުން ގެންދިއުމަށާއި މި މައްސަލައިގައި އިމްޕެކްސް އިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން "ނ. މިނާވަރު"ގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަންގައި މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހު އިމްޕެކްސްއިން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު އަމުރުކުރީ އިމްޕެކްސްއިން އެދުނު ގޮތަށެވެ.
ސިވިލް ކޯޓުގެ މި އަމުރަކީ ގާނޫނީ ހަމަތަކާ ހިލާފު އަމުރެއް ކަމަށް ބުނެ ދައުލަތުން މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު ހުކުމް ކުރީ ސިވިލް ކޯޓުގެ އަމުރު ބާތިލުކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ނަަމަވެސް ހައިކޯޓުގެ މި ނިންމުމާމެދުވެސް ހިންހަމަނުޖެހިގެން އެ ހުކުމް ބާތިލުކޮށްދިނުމަށް އެދި ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އިސްތިއުނާފީ ހަތަރު ނުކުތާއެއް ހުށަހެޅުމަށްފަހު، ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތުގައި ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ހަމީދު މައްސަލައިގެ ރައުޔުގައި ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ވަގުތީ އަމުރުގެ ގޮތުގައި ނެރެވިދާނެ ބާވަތްތަކުގެ އަމުރު ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ވަކި ކަމެއް ކުރުމަށް އަންގައި ކުރާ ވަގުތީ އަމުރު، ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް އަދި މުދަލުން ތަސައްރުފުކުރުން ހުއްޓުވުމުގެ އަމުރު އެ ގާނޫނުގެ ދަށުން ނެރެވެން ހުންނާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ވަގުތީ އަމުރަކަށް ކޮންމެ ވަގުތެއްގައިވެސް އެދެވިދާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ދައުވާގެ ހުކުމް ކުރުމަށްފަހުވެސް ވަގުތީ އަމުރެއް ނެރެވިދާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އިމްޕެކްސް ފިޝަރީޒުގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މައުލޫއީ ދައުވާ އެ ކޯޓަށް ހުށަހެޅުމުގެ ކުރިންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން ވިސްނާލަންޖެހޭ ކަމަކީ މަދަނީ ދައުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރުމުގައި ފަނޑިޔާރަށް ލިބިފައިވާ އިހުތިޔާރީ ބާރު ބޭނުންކޮށް ވަގުތީ އަމުރެއް ނެރުމަކީ ކޮންމެ ކޮންމެ ހާލަތެއްގައި ކުރަންޖެހޭނެ ކަމެއް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މައުލޫއީ ދައުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދެވޭނީ ދެ ހާލަތެއްގައިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެ ދެ ހާލަތަކީ އެ މައްސަލައަކީ، އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައަކަށްވުން ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައިވުންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގައި އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ވަގުތީ ފަރުވާއަށް އެދުނު ފަރާތަށް ކުރިމަތި ވެދާނެތޯ ބަލާއިރު އެކަމަކީ އެކަށީގެންވާ ގޮތެއްގައި ފައިސާއިން ނުވަތަ އެނޫންވެސް ބަދަލެއް ދެވިދާނެ ގެއްލުމެއް ނޫންކަން ކޯޓަށް ގަބޫލުކުރެވޭނެ މިންވަރަށް ހެއްކާއެކު ބަޔާންކޮށްދިނުމަކީ އަމުރަކަށް އެދޭ ފަރާތުގެ ޒިންމާއެއްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެކަށީގެންވާ ބަދަލު ނުދެވޭނެކަން ސާބިތުކޮށް ނުދެވޭ ހާލަތުގައި މައުލޫއީ ދައުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާއެއްގެ ގޮތުން ވަގުތީ އަމުރެއް ނެރެވިދާނެކަމަށް ގަބޫލެއް ނުކުރެވޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގައި، އިމްޕެކްސް ފިޝަރީޒުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމަށް ބަލާއިރު ވަގުތީ އަމުރެއް ނުނެރެފިނަމަ އެ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފުސީލު ހިމަނާފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި ލިބިދާނެ ގެއްލުމަކީ ހިސާބު އަދަދުން ގުނޭނެ ގެއްލުންތަކެއް ނޫންކަމަށް ބުނެފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ވަގުތީ އަމުރެއް ނުނެރެފިނަމަ އެ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފުސީލު އިމްޕެކްސް ފިޝަރީޒްއިން ހުށަހަޅާފައިނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން ވަގުތީ އަމުރު ނެރުމުގައި ފައިސާއިން ހިސާބުކޮށްގެން ނުވަތަ އޭނުންވެސް ބަދަލު ދެވޭނެ ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ އުސޫލީ ގޮތުން ބަލަންޖެހޭ ކަމަކަށްވާއިރު، މި މައްސަލައިގައި ހިމެނޭ ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދީފައިވަނ،ީ އަދި އެ އަމުރަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ އެ ކަންކަމަށް ރަނގަޅަށް ރިއާޔަތްކޮށްގެން ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ރައުޔު ކަނޑައެޅުއްވީ މި މައްސަލައިގައި ހިމެނޭ ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދީފައިވަނީ އަދި އެ އަމުރަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ރަނގަޅަށް ކަމަށް ބުރަވެވެން ނެތް ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދުގެ އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ މުހައްމަދު ސަލީމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންވަނީ ތާއީދުކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ ސިވިލް ކޯޓުން ނެރެފައިވާ އަމުރާއި އެ އަމުރަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކުރާ ކަމަށެވެ.
މުހައްމަދު އިޝާން
ސުޕްރީމް ކޯޓް