ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ

ސަރަހައްދީ ބަނދަރުތަކަށް ބާލާ މުދަލުގެ އަގުހެޔޮނުވާ މައްސަލައިގައި ކަމާ ގުޅޭ ކުންފުނިތައް ކޮމިޓީއަށް

އިބްރާހިމް ޒަކީ

ސަރަހައްދީ ބަނދަރުތަކަށް ބާލާ މުދަލުގެ އަގު ހެޔޮ ނުވާ މައްސަލައިގައި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)އަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެ މައްސަލައާ ބެހޭގޮތުން އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުުގައި، ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، މުދާ އަގުހެޔޮ ނުވަނީ އެ ބަނދަރުތަކުން ނަގާ ފީތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން އެ ބަނދަރުތަކުގެ އޯފޭވް ޗާޖާއި ހޭންޑްލިން ޗާޖު މާލޭ ޕޯޓުން ނަގާ ޗާޖާ އެއްވަރުކުރުން ހިމެނޭ ކަމަށް އިލިޔާސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ކުޅުދުއްފުށްޓާއި އައްޑޫ ސިޓީ އާއި މާމިގިލީ ބަނދަރަަށް ބާލާ މުދަލުގެ އަގު ހެޔޮ ނުވާ ކަން މެންބަރު ފާހަގަ ކުރެއްވިއެވެ. އެ ބަނދަރު ތަކަކީ އިންޑިއާގެ ސޫތުކުޅިން މިހާރު ސީދާ މުދާ ގެންނަ ބަދަރުތަކެކެވެ.

މި މައްސަލައާ ގުޅިގެން ކޮމެޓީގައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ، ސަރުކާރުގެ މަގުސަދަކީ އައްޑޫ ޕޯޓާއި ކުޅުދުށްފުށީ ޕޯޓު ހެޔޮ ގޮތުގައި ހިންގައި، ވިޔަފާރިވެރިންނަށް އެތަނަށް މުދާ ގެނެވޭނެ ގޮތް ހެދުން ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ ގޮތް ވުމަކީ ސަރުކާރުގެ މަގުސަދެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގައި މަޖިލީހުގެ މަގުސަދަކީ، އެކަން ކުރުމަށް ގާނޫނުން ހޯދައިދޭން ޖެހޭ ބާރުވެރިކަން ހޯދައިދީ ޑިއުޓީ ކުޑަކޮށް އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއް ކޮށްދީފައި ވާއިރުވެސް، އެކަންތައް ހަވާލު ކުރި ކުންފުނިތަކާއި އިދާރާތަކުން އެގޮތުގައި ކަންތައް ކުރަމުންދާތަން ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެތަންތަނަށް މުދާ ހިފައިގެން އަންނަ ބޯޓުތަކުން ނަގާ ފީތައް ބޮޑުކުރުމުން ސަރުކާރާއި މަޖިލީހުގެ މަގުސަދު ހާސިލު ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަން ސާފުކޮށް އެކަން ހައްލު ކުރަން ކުރެވިދާނެ ކަންތައްތައް ބެލުމަށް ޓަކައި އެސްޓީއޯ އާއި އެމްއެސްއެސް އާއި އެމްޕީއެލް ކޮމިޓީއަށް ހާޒިރުކުރަން ނިހާދު ހުށަހެޅުއްވިއެވެ. ނިހާދުގެ އެ ހުށަހެޅުއްވުމާ އެއްގޮތަށް އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރުމަށް ކޮމޓީގެ އިއްޔެގެ ބައްދަލުވުމުން ވަނީ ނިންމައިފައެވެ.