ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕު އޭގައި ރޭ ޕީއެސްޖީއާއި މެންޗެސްޓާ ސިޓީ ވާދަކުރި ބޮޑު މެޗު، ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު އިދުރީސާ ގާޔާ ޖަހައިދިން އިރު، ދެވަނަ ގޯލަކީ މެޗުގެ ހާއްސަ ގޯލެވެ. ޕީއެސްޖީ ޖާޒީގައި ލިއޮނެލް މެސީ ޖެހި ފުރަތަމަ ގޯލާއެކު މުޅި ސްޓޭޑިއަމް އެއްކޮށް ގުގުމާލި އިރު، އެ ގޯލާއެކު މެސީގެ އެންމެ ރަނގަޅު ފޯމަށް އެނބުރި އަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ރޭގެ މެޗަށް ޕީއެސްޖީން ނޭމާއާއި ކިލިއަން އެމްބާޕޭ އަދި މެސީގެ ފޯވަޑް ލައިން ދަނޑު މައްޗަށް ނެރެފައިވެއެވެ. ދުނިޔެ ދުށް އެންމެ އަގުބޮޑު އެއް ފޯވަޑް ލައިނުގެ ގުޅުމާ މެދު މެޗުގެ ކުރިން ގިނަ ބަޔަކު ސުވާލުތަކެއް އުފައްދާފައި އޮތް ނަމަވެސް މެޗުގައި ފެނުނީ ކޮންބިނޭޝަން ރަނގަޅުވަމުން ދިޔަތަނެވެ. ޕީއެސްޖީން މެޗުގައި ޖެހި ދިހަ ޕަސެންޓް ޕާސް ޖަހައިފައި ވަނީ އެ ތިން ކުޅުންތެރިންގެ ދެމެދުގައެވެ. އެއީ ޖުމުލަ 44 ޕާހެވެ.
ރޭގެ މެޗުގައި ޕީއެސްޖީ ޖާޒީގައި މެސީ ފުރަތަމަ ގޯލު ޖަހާފައި ވަނީ ގޯލެއް ނުޖެހި 264 މިނެޓު ހޭދަކުރުމަށްފަހުއެވެ. އެ ގޯލަށްފަހު މެސީގެ އުފާފާޅުކުރުންތަކާ އެކުވެސް އެ އިހުސާސް ފެނިގެން ދިޔައެވެ.
"އަހަރެން ގޯލަކަށް ޑެސްޕަރޭޓްވި، އެއީ ތެދެއް. އަހަންނަށް ދަނޑު މަތީގައި އަދި އެހާ ގިނަ ވަގުތެއްވެސް ނުލިބޭ. އެކަމަކު ހޯމް ދެމެޗާއެކު މިހާރު މިދަނީ ހޭނެމުން. މަޑުމަޑުން ޓީމު ތެރެއަށް ހޭނެމުން ދާނެ. އަހަރެމެން ފޯވަޑް ތިން ކުޅުންތެރިން ގިނައިން އެކުގައި ކުޅުނު ވަރަކަށް ބޮޑަށް ޕާސްތަކާ އެއްޗެހި ގުޅޭނެ. ކުރިއަށް އޮތްތަނުގައި ބޮޑުތަނުން ދާނީ ރަނގަޅުވަމުން،" މެޗަށްފަހު މެސީ ބުންޏެވެ.
މެޗުގައި ނެގި ހަމައެކަނި ޝޮޓު ގޯލަށް ވައްދާލައި މެސީ ހިތްހަމަޖެހިފައި ހުރި އިރު، ރޭގެ މެޗުގައި ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާގެ ހުޝިޔާރުކަންވެސް ފެނިގެން ގޮސްފައިވެއެވެ. މުހިއްމު ތިން ސޭވްއެއް ޑޮނަރޫމާ މެޗުގައި ކޮށްފައިވާ އިރު، ސިޓީގެ ދެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ.
މެސީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ކޯޗުކަންކޮށްދެމުން ދިޔަ ޓީމުތައް ކޮޅަށް މިހާތަނަށް މެސީ ވަނީ ހަތް ގޯލު ޖަހައިފައެވެ. އެއީ ފަސް ޗެމްޕިއަންސް ލީގު މެޗަކުންނެވެ. އެހެން އެއްވެސް ކުޅުންތެރިޔަކު ގާޑިއޯލާގެ ޓީމުތައް ކޮޅަށް އެ އަދަދަށް ގޯލު ޖަހައިފައެއް ނުވެއެވެ.
"90 މިނެޓަށް މެސީ ހިފެހެއްޓުން އެއީ ނުވާނެ ކަމެއް. އަންސްޓޮޕަބަލް ކުޅުންތެރިއެއް މެސީއަކީ. މެޗުގައި މާ ގިނައިން މެސީ ބޯޅަ ނުގެންގުޅުނު ނަމަވެސް، އަނިޔާއިން އެނބުރި އައިސް ހުރެ ވެސް ބޯޅައާ ހަމައަށް މެސީ ދާއިރު ނުރައްކާ ބޮޑުވާނެ. އެއީ މެޗުގައި އެއްކޮށް ނުހިފެހެއްޓޭނެ ކަންކަން،" މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުން މޮޅުވެ ޕީއެސްޖީއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ކްލަބު ބްރޫޖު ދެވަނައިގައި އޮތީވެސް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ އޮތީ ތިންވަނައިގައެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ