މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެކުންފުނީގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑު ކުރަން ނިންމައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުން ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެންމެ ބޮޑު މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިގެ ފަސް ޕަސެންޓު ބޮޑު ކުރުމަށް ނިންމާފައިވާއިރު ކުޑަ މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިގެ 20 ޕަސެންޓާ ހަމަޔަށް ބޮޑު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެކަމަކު އެ ކުންފުނީގެ ބޮޑެތި މަގާމުތަކުގައި ތިބި ބޭރު މުވައްޒަފުންގެ މުސާރަ ބޮޑު ނުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ ކޮވިޑާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ވެސް މުވައްޒަފުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށާއި އަދި މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އެމްއޭސީއެލުން ބުނީ ކޮވިޑްގެ ދުވަސްވަރު އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަކޮށްފައި ނުވާނެ ކަމަށާއި އަދި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ.