އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އދ.ގެ އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރު ކުރައްވާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހު އެވެ. އެ މަނިކުފާނު ތަގުރީރު ދެއްވީ ދިވެހި ބަހުންނެވެ. ތަގުރީރުގައި އ.ދ ގެ ރިޔާސަތާ މުހާތަބު ކުރައްވައި ދިވެހި ބަހުން ވާހަކަފުޅު ދެއްކެވީ މިނިވަން ދައުލަތެއްގެ މަގާމު މީގެ 56 އަހަރުކުރިން ރާއްޖެއަށް ލިބުމާ ގުޅިގެން، ބައިނަލްއަގުވާމީ މަސްރަހުގައި ބަސްބުނުމުގެ ގާބިލިއްޔަތާ މެދުގަ އާއި، ރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ގައުމެއްތޯ ބައިނަލްއަގުވާމީ މައިދާނުގައި ކުރެވުނު ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ވަގުތުކޮޅަކީ ރާއްޖެ އަކީ ކުޑަ ގައުމަކަށް ވިޔަސް ދިވެހިން ކުޑަ ނޫން ކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެއް ކަމަށެވެ.
ތަގުރީރުގައި ރައީސް ސޯލިހު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކައިފި އެވެ. އެގޮތުން މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި މުޅި ދުނިޔެ އ.ދ. ގެ އާންމު މަޖިލީހަށް ބަރޯސާވާ ކަން ފާހަގަކުރައްވައި، އެކަމަށް ބޭނުން ވާ ވަސީލަތްތަކާއި، ހަކަތައާއި އިލްމާއި ހުނަރާއި ހޯދުންތައް އެއްތަން ކޮށް، އެކަމުގައި ހިއްސާވުމަށް އެއްބަސްވާން ޖެހޭކަން ފާހަގަކުރެއްވި އެވެ.
މޫސުމީ ބަދަލުތަކުގެ މައްސަލައާ ގުޅޭ ގޮތުން ތަގުރީރުގައި ރައީސް ސޯލިހު ވިދާޅުވީ، މޫސުމީ ބަދަލުގެ މައްސަލަތަކާ ގުޅިގެން ކުރާ ޝަކުވާ އާއި ކުރާ ވަކާލާތުގައި އަމާން ދީ، ފަހަތަށް ޖެހުމުގެ އިހުތިޔާރު ދިވެހީންނަށް ނެތް ކަމަށެވެ.
މީގެ އިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރެއްވުމާއި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލަ ފަދަ އެތައް މައުލޫއަކަށް އަލިއަޅުވާލައްވައި ރައީސް ސޯލިހު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އެ ގޮތުން ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް އެމަނިކުފާނު ވަނީ ގޮވައިލައްވައިފަ އެެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު