ޔޫރަޕް ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ސުޕަ ލީގުގެ ފައުންޑިން ތިން ކްލަބަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރި މަސައްކަތް ހުއްޓާލައިފިއެވެ.
ޔޫއެފާގެ އޮނިގަނޑުން ބޭރު، 12 ކްލަބަކުން އާ ލީގެއް ހެދުމަށް މިއަހަރު ތެރޭގައި މަސައްކަތް ކޮށްފައިވާއިރު، ސަޕޯޓަރުންނާއި އެކިއެކި ފަރާތްތަކުގެ ނުފޫޒާއެކު އެ ޕްރޮޖެކްޓް މިހާރު ވަނީ މަޑުޖެހިފައެވެ. ފައުންޑިން 12 ކްލަބެއް ފުރަތަމަ ޕްރޮޖެކްޓްގައި ހިމެނުނު ނަމަވެސް މިހާރު އެ ޕްރޮޖެކްޓާއެކު ކުރިއަށް ދާން އޮތް ކްލަބަކު ތަކަކީ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސް އެވެ.
މިހާތަނަށް ޔޫއެފާއިން އެ ކްލަބުތަކަށް އަދަބުދީ، އިންޒާރުވެސް ދީފައިވާއިރު، ޔޫއެފާއިން ބަލަމުން ދިޔައީ އެ ކްލަބުތަކުން ޔޫއެފާއިން އޮނިގަނޑުން ބޭރަށް ނުކުމެ، ގާނޫނާ ހިލާފު ވޭތޯ އެވެ. ސުޕަ ލީގުގެ ޕްރޮޖެކްޓަކީ ޔޫއެފާ އާއި ޔޫރޮޕިއަން ޔޫނިއަންގެ ގާނޫނުން ބޭރުގެ މަސައްކަތެއްތޯ ބެލުމަށް ޔޫއެފާއިން ކުރިން ކޯޓަށް ހުށަހެޅި ނަމަވެސް މިހާރު ވަނީ އެ މަސައްކަތް ހުއްޓާލަން ނިންމާފައެވެ.
ޔޫއެފާއިން ސުޕަ ލީގުގެ ފައުންޑިން ތިން ކްލަބަކާ ދެކޮޅަށް ކުރަމުން ދިޔަ ގާނޫނީ މަސައްކަތް ހުއްޓާލާފައިވާއިރު، އެ މަސައްކަތް ހުއްޓާލަން ޖެހުނު އެއް ސަބަބަކީ ސްޕެއިންގެ ކޯޓުން ސުޕަ ލީގުގެ ޓީމުތަކާ ދެކޮޅަށް ޖުލައި މަހު ތެރޭގައި ނެރުނު ނިންމުން ކަމަށް ބެލެވެ އެވެ. މެޑްރިޑް ކޯޓުން ސުޕަ ލީގުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ނިންމި ނިންމުން އިތުރަށް ރިވިއުކުރުމުގެ މަސައްކަތް އޭރު ކުރިއަށް ގެންގޮސްފައި ވަނީ ލަކްސަމްބާގްގައި ހުންނަ ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިންނެވެ.
ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނީ ގޮތުން ސުޕަ ލީގު ކްލަބުތަކާ ދެކޮޅަށް ކުރަމުން އައި މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށާއި، މެޑްރިޑް ކޯޓުން ނިންމި ނިންމުމާއެކު ކްލަބުތަކުން ގުޑްވިލް ޕޭމަންޓްގެ ގޮތުގައި އިތުރު ފައިސާއެއް ނުނަގާނެ ކަމަށެވެ. އޭގެ އިތުރުން ޔޫއެފާއިން ބުނެފައި ވަނީ ޔޫއެފާއިން އަބަދުވެސް މަސައްކަތް ކޮށްފައި ވަނީ ޔޫރޮޕިއަން ޔޫނިއަން އާއި ޔޫރޮޕިއަން ކޮންވެންޝަން އޮފް ހިއުމަން ރައިޓްސް އަދި ސްވިޒަލޭންޑްގެ ގާނޫނުގެ ތެރެއިން ކަމަށާއި، ސުޕަ ލީގުގެ ކްލަބުތަކާ ދެކޮޅަށް އިތުރަށް ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، އަދިވެސް އެކަމަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ސުޕަ ލީގުން ވަކިވި ކްލަބްތަކަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޓޮޓެންހަމް، ޗެލްސީ އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ. މިހާރުވެސް ތިން ކްލަބެއް އެ ޕްރޮޖެކްޓުގައި ދެމި އޮތްއިރު، ޔުއެފާއިން ވަނީ ބައިވެރިވި ކްލަބުތަކަށް އަދަބު ދީފައެވެ. ޔޫއެފާއިން ދިން އަދަބަކީ ސުޕަ ލީގުން ވަކިވި ހުރިހާ ޓީމެއް އެކުވެގެން 13.4 މިލިއަން ޕައުންޑްގެ ޖޫރިމަނާއެއް ދެއްކުމެވެ. އޭގެ އިތުރުން އެއް ސީޒަން ވަންދެން މި ކްލަބްތަކަށް ޔުއެފާ މެދުވެރިކޮށް ލިބޭ ފައިސާގެ ފަސް ޕަސެންޓް ޔުއެފާ އަށް ނެގުމެވެ. އަދި މުސްތަގުބަލުގައި މި ފަދަ ޔުއެފާގެ އުސޫލާ ހިލާފު ޕްރޮޖެކްޓްތަކުގައި ބައިވެރިވެއްޖެނަމަ 100 މިލިއަން ޕައުންޑްގެ ޖޫރިމަނާއެއް އަންނާނެކަން އަންގާފައިވެ އެވެ.
އޭގެ ފަހުން ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ހަ ޓީމަށް ވެސް ވަނީ އަދަބު ދީފަ އެވެ. އިނގިރޭސި އެފްއޭ އިން އެ ގައުމުގެ ހަ ކްލަބަށް ދިން އަދަބަކީ ހުރިހާ ކްލަބެއް އެކުވެގެން 21 މިލިއަން ޕައުންޑް ދެއްކުމަށެވެ. އެއީ ކޮންމެ ކްލަބަކުން 3.5 މިލިއަން ޕައުންޑެވެ.
ސުޕަ ލީގުގައި ދެމި އޮތް ތިން ޓީމަށް ޔުއެފާ އާއި އެ ގައުމުތަކުުގެ ފުޓްބޯޅަ ލީގުތަކުގެ ބޯޑުން ތަކުރާރުކޮށް އިންޒާރުތައް ދިން ނަމަވެސް މަސައްކަތް ހުއްޓާނުލާނެކަން ވަނީ އަންގައިފަ އެވެ. އެގޮތުން ޔުވެންޓަސް އިޓާލިއަން ލީގުން ވަކިކުރުމުގެ އިންޒާރާއި ބާސެލޯނާ އާއި ރެއާލް ލަލީގާ އިން ވަކިކުރާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު