އިއުތިރާފުގެ އެއްބަސްވުމަކީ އިއުތިރާފުވާ މީހާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކޮށް ލީގަލް އިމިއުނިޓީ ދިނުމުގެ ބާރު ގާނޫނުން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އަށް ލިބިދެވޭ މަފްހޫމެއް ނޫން ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިގޮތަށް ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުން ކުރި އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމުމާ ގުޅިގެންނެވެ. އެކަން ޕީޖީ އޮފީހުން ހާމަކޮށްފައިވަނީ ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައެވެ.
ހައިލަމް ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުމަކީ އިއުތިރާފުވާ މީހާއާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކޮށް ލީގަލް އިމިއުނިޓީ ދިނުމުގެ ބާރު ގާނޫނުން ޕީޖީއަށް ލިބިދެވޭ މަފުހޫމެއް ނޫން ކަމަށެވެ. އިއުތިރާފުގެ އެއްބަސްވުން ހެދޭނީ ހަމައެކަނި ވަކި ދައުވާއެއް ކުރުމަށް ނުވަތަ ކޮށްފައިވާ ބައެއް ދައުވާތައް އަނބުރާ ގެނައުމަށް ނުވަތަ ކުށުގެ އަދަބު ލުއި ކޮށްދިނުމަށް ކަމަށް ހައިލަމް ވިދާޅުވިއެވެ.
"މީހަކާ ދެކޮޅަށް ތަހުގީގުގައި ހެކި ލިބިފައިވުމަކީ އެމީހާ އަތުގައި އެހެން މީހަކާ ދެކޮޅަށް ހުރި ހެކި ބޭނުންކޮށްގެން އިއުތިރާފުގެ އެއްބަސްވުމެއްގެ ތެރެއިން ލީގަލް އިމިއުނިޓީ ހޯދޭނެ ކަމެއްް ނޫން. އިއުތިރާފުގެ އެއްބަސްވުމަކީ ތުހުމަތުކުރެވޭ މީހާ އިސްލާހުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ގާނޫނުގައި ބަޔާންކުރެވިފައިވާ ބާބެއް،" ހައިލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލީގަލް އިމިއުނިޓީގެ އެއްބަސްވުން ހެދުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފުކަމެއް ކަމަށާއި އެފަދަ ބާރެއް ޕީޖީއަށް އަދި ފުލުހަށްވެސް ގާނޫނުން ލިބިނުދޭ ކަމަށެވެ.
"ގާނޫނުން ބާރު ލިބިގެން/ހުއްދަ ކަމަށް ބަޔާންކޮށްފައިވާ ކަމެއް ނޫން އެއްވެސް ކަމެއް ކުރުމުގެ ބާރު ޕީޖީއަށް ލިބިގެނެއް ނުވޭ،" ހައިލަމް ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ފައިސާ ދައުރުވި ގޮތުގެ ތެރެއިން ފެންނަން އޮތީ ހަމައެކަނި ޗެކުތަކުން ދައުރުކުރި ފައިސާ ކަމަށާއި، އެހެންނަމަވެސް އިތުރު ގޮތްތަކަށް ފައިސާ ދައުރު ކުރި ގޮތް ދެނެގަނެ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ މުހިއްމު ކަމެއް ކަމުގައި ދައުލަތަށް ގަބޫލު ކުރެވުނު ކަމަށެވެ. އަދި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވަނީ އެކަން ކުރެވެން އޮތީ އެސްއޯއެފްގައި ހިމެނޭ ފަރާތްތަކުން ދޭ އެއްބާރުލުމާއި ހެކިބަހުގެ މައްޗަށް ބިނާކޮށްގެން ކަމަށް ވުމުން ކަމަށް ދައުލަތުން ބުންޏެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތު ހިންގެވި ހިޔާނާތުގެ ތެރެއިން ފަޅުރަށްތަކާއި ގިނަ އަދަދެއްގެ ފަޅު ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ގިނަ ފައިސާތަކެއް ވަގަށް ނަގައި އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާ އިރު، އެ ފައިސާތައް އަދީބުގެ ގާތް މީހުންނަށް ފޯރުކޮށްދޭން ބޭނުން ކުރީ އެސްއޯއެފް ކުންފުންޏެވެ. އެސްއޯއެފް ކުންފުންޏަކީ ވެސް އަދީބާ ގާތް ގުޅުމެއް އޮންނަ ބައެއްގެ ކުންފުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު