ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދިފާއުންނާއި ދައުލަތުގެ ހުށަހެޅުންތަށް ހުށަހަޅާ ނިންމާލެވިއްޖެނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމާ މެދު ގޮތެއް ނިންމާނެ ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ފަރާތުން އިސްތިއުނާފީ 22 ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ ހުށަހެޅުންތައް އިއްވައި ނިމުނީ ފަސް އަޑުއެހުމެއްގައެވެ. ޔާމީންގެ ފަރާތުން ހުށަހެޅި ހުރިހާ ނުކުތާ ތަކަށް ދައުލަތުން ވަނީ ޖަވާބު ދީފަ އެވެ.
މިއަދުގެ އަޑުއެހުމުގައި، އިސްތިއުނާފު ކުރާ ފަރާތަށް ދައުލަތަށް ރައްދު ދޭން ފުރުސަތު ދިނެވެ. ދައުލަތަށް ވެސް އަދި އެއް ފުރުސަތު ދޭނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ވިދާޅުވެފަ އެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި ޔާމީނަށާއި ދައުލަތަށް ދެވޭ ފުރުސަތަށް ފަހު އާ ހެކިތައް ހުށަހަޅަން ޔާމީނަށް ފުރުސަތެއް ދެއްވާނެ ކަމަށެވެ. އެ ހުރިހާ މަރުހަލާއެއް މިއަދުގެ އަޑުއެހުމުގައި ނިންމުމަކީ ޝަރީއަތުގެ އަމާޒެއް ކަން ފަނޑިޔާރު މަހާޒް ވަނީ ވިދާޅުވެފަ އެވެ.
ފަނޑިޔާރު މަހާޒް ވިދާޅުވީ، މިއަދުގެ އަޑުއެހުން އެގޮތަށް ކުރިއަށް ގެންދެވިއްޖެނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލައި ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއިދުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު