ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން އެކުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބާ ކުރިމަތިލީ އިރުވެސް އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުޅޭކަން ފާހަގަކޮށްލެވުނެވެ. އެގޮތުން އެ އިންތިހާބަކީ ރައީސް ސޯލިހުގެ ކެންޑިޑޭޓުންނާއި ރައީސް ނަޝީދުގެ ކެންޑިޑޭޓުންގެ ވާދަވެރި އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއެވެ.

ރާއްޖެޓީވީގެ މިރޭގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް އިންތިހާބުވި މަހުލޫފު ވިދާޅުވީ އެމްޑީޕީގެ އިންތިހާބުގެ ކެމްޕޭނަށް ކުރެއްވި ދަތުރުގެ ތެރެއިން ދެ ރައީސުންނާ ދޭތެރޭ އެމްޑީޕީގެ މެންބަރުން ދެކޭ ގޮތް ހާމަވެގެންދިޔަ ކަމަށާއި އެ މެންބަރުން ދެ ރައީސުންނަށް އިތުބާރުކޮށް، ލޯބިވާ ކަމަށެވެ.

"ދެ ލީޑަރުން ޖެހިގެން ގޮސް، ޕާޓީ ހަލާކުވެގެން ދާން ނުޖެހޭނެ ކަމަށް، އެކުގައި އޮންނަން ޖެހޭނެ ކަމަށް ދެކޭ. އަޅުގަނޑު މިއަދުވެސް ގަބޫލުކުރަން ކިތަންމެ ހިޔާލު ތަފާތުވިޔަސް، ރިޔާސީ އިންތިހާބަށް ދާއިރު ދެބޭފުޅުން ވެސް ތިއްބަވާނީ އެކުގައި. 100 ޕަސަންޓް ޔަގީން. އެހެން ނޫން ކަމަށްވަންޏާ ޔަގީން، ކަށަވަރު އަޅުގަނޑުމެންނަށް ދެން އޮންނަ ރިޔާސީ އިންތިހާބެއް ކާމިޔާބު ނުވާނެކަން،" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުނުވެއްޖެ ނަމަ، އެމްޑީޕީން އަނެއްކާވެސް އެބޭފުޅުން މިނިވަންކުރާށޭ ކިޔަމުން މަގުމައްޗަށް ނުކުންނަން ޖެހޭނެ ކަމަށާއި އެ ހިސާބުން އަނެއްކާވެސް އެންމެން ޖަލަށް ދާން ޖެހޭނެ ކަމަށެވެ.

"އެ ހިސާބަކަށް އަދި ނުވެސް ދޭ. ގައުމީ މަޖިލިސް ގްރޫޕުގައި ހިތްހަމަ ނުޖެހިގެން ރައީސް ނަޝީދު އެއްޗެއް ވިދާޅުވިޔަސް، މީޑިއާގައި އޯޕަންލީ ސަރުކާރަށް ކްރިޓިސައިސް ކުރެއްވި ތަނެއް އަދި އަޅުގަނޑަކަށް ނުފެނޭ. ހަމަ އެހެން ރައީސް ސޯލިހުވެސް، ދުވަހަކުވެސް އަޅުގަނޑު ނުދެކެން ރައީސް ނަޝީދާ ދިމާއަށް ގޯސްވާނެ ގޮތަށް އެއްވެސް އެއްޗެއް ވިދާޅުވި ތަނެއް. އަޅުގަނޑަށް އަދި ފެންނަ ފެނުމުގައި އަބަދުވެސް މަސައްކަތްކުރައްވަނީ ޕާޓީގެ މަސްލަހަތު އޮންނަ ގޮތަށް،" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާ ކުރިމަތިލާ އިރު، ރައީސް ސޯލިހާއި ރައީސް ނަޝީދު ދެކޮޅުގައި ހުންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ހިޔާލު ތަފާތުވާ ކަންކަމާ މަޝްވަރާކޮށް ނިމޭ ގޮތަކަށް ދެބޭފުޅުން އެކުގައި ވަޑައިގަންނަވާނެކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.