މުހައްމަދު ނަޝީދު، އެމްޑީޕީގެ ރައީސް

ބަރުލަމާނީއަށް ތާއީދު ކުރާ ގިނަ ބަޔަކު ގައުމީ މަޖިލީހަށް އިންތިހާބު ވުމަކީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް: ނަޝީދު

އިބްރާހިމް ޒަކީ

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެނޑިޑޭޓުންތަކެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބު ވުމަކީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ފަރާތްތަކަށް ނިސްބަތް ކުރައްވައި މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ޕާޓީ ތެރެއިން އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުންވެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދު ކޮށް އެކަމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން ވަނީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމުން ގެނައުމަށްޓަކައި ކެމްޕެއިން ފަށައި، އެކަމަށް ތާއީދު ކޮށް ޕެޓިޝަނެއްގައިވެސް ސޮއިކުރަން ފަށައިފައެވެ. ނަމަވެސް އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުންނެވި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސީދާ ގޮތުން އެ މަސައްކަތަށް ތާއީދު ކުރެއްވުމުގެ ގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ރައީސް ސޯލިހަށް ތާއީދު ކުރާ ފަރާތްތަކުން ބަރުލަމާނީ ނިޒާމު ޕްރޮމޯޓު ކުރަމުންދާ ތަނެއް ނުފެނެއެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގައި، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ބަރުލަމާނީ ނިޒާމުގެ މޮޅު ވާހަކަ ދެއްކެވި ނަމަވެސް ރައީސް އިބޫ ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން އެ ނިޒާމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާ ތަނެއް ނުފެނެއެވެ.

އިއްޔެގެ އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިންވެސް ރައީސް ނަޝީދު ފާޅުގައި ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރި ކެނޑިޑޭޓުންނަށެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ތާއީދު އޮތީ ބަރުލަމާނީއަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެސް ވެފަ އެވެ.

ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ވަރަށް ވާދަވެރިކޮށް ކުރިއަށް ގެންގޮސް އިއްޔެ ނިމުނުއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއަށް ބޮޑު ތަނުން ބަރުވެފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެމްޑީޕީ ދާއިރާތަކުގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ މެންބަރުންނަށް ވެސް ރައީސް ނަޝީދު މިއަދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އެމަނކުފާނު ވިދާޅުވީ، "ވަރަށް މަރުހަބާ ޑިކޮމްރަސީގެ ރޫހުގައި ތިޔަ ކުރެއްވި މަސައްކަތަކީ ޕާޓީއަށާއި ގައުމަށް ކޮށްދެއްވި މަތިވެރި ހިދުމަތެއް،" ކަމަށެވެ.