މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ތާއީދު ކުރީ އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށް ކަން އެ ޕާޓީ އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެއްބަސްވެވަޑައިގެންފިއެވެ.
އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަކާ އެކު، އެ ޕާޓީގެ ފުރަތަމަ ރައީސް، އެ ޕާޓީން ވަކިވެ، މަޖިލީހުގެ އޭރުގެ 12 މެންބަރުންނާ އެކު މިދިޔަ އަހަރުގެ މެދު ތެރޭ އުފެއްދި ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ވާދަކޮށް، ފުރަތަމަ ބުރުގައި ލިބުނީ ތިން ވަނައެވެ.
ދެވަނަ ބުރުގައި އެ ޕާޓީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ. ނަމަވެސް އެއިރުވެސް ޑިމޮކްރެޓްސްގެ އިސްކޮށް ތިއްބެވި ބައެއް މެންބަރުން ވަނީ ނުސީދާ ގޮތެއްގައި ރައީސް ޑރ. މުއިއްޒަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ނަޝީދުގެ ނުރަސްމީ އެކައުންޓުން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ތާއީދުކޮށްފައި ވަނީ ރައީސް މުއިއްޒަށް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރެޓްސް ޑރ. މުއިއްޒަށް ތާއީދު ކުރީ، މިއަދު މި ދެކޭ ސުލްހަވެރި، ގުޅުން ރަނގަޅު އިންޑިއާ ކަނޑުގެ ތަސައްވަރު ފެންނަ ކަމުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ކޮންމެ އިންތިހާބަކަށް ފަހު ބަދަލުވާ އެއްޗެއްގެ ގޮތުގައި އޮތުމަކީ ދިވެހިންނަށް ލިބޭނެ ގެއްލުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު