ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް ހެދުމަކީ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މ. މުލީ އެއާޕޯޓު ރަސްމީކޮށް މިއަދު ހުޅުވުމާއެކު އެކްސްގައި ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، ރައްޔިތުން ރަށު ބަންދުން ފިލުވަންޖެހޭ ކަމަށެވެ. އެކަމަކު ގިނަ ރަށްރަށުގައި އެއާޕޯޓު ހެދުމަކީ ގޯހެއް ކަމަށް ވިދާޅުވިއެވެ.

"އެހެނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް ހެދުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓަކީވެސް ވަރަށް ދެރަކޮށް ކޮށްފައިވާ ކަމެއް ކަމަށާއި ގދ. ތިނަދޫގައި އެއާޕޯޓެއް ހެދުންވެސް ވާނީ ގޯހަކަށް ކަމަށެވެ. އަދި ރ. ފައިނުގައި އެއާޕޯޓެއް ހެދުންވެސް ރަނގަޅު ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހުޅުލޭގައި ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމަނައިގެން ރާއްޖޭގައި މިހާރު 18 އެއާޕޯޓެއް އޮޕަރޭޓް ކުރެ އެވެ.