އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވާދަކުރައްވަން ނިންމަވައިފިއެވެ.
އަލްހާން މިރޭ އެކްސްއެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އެމްޑީޕީގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން އަޅުގަނޑު ގަސްތުކޮށްފިން" ކަމަށެވެ.
އަލްހާން ސިޔާސީ މައިދާނަށް ނުކުމެފައިވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭނާ އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީވެސް ޑީއާރުޕީގެ ޓިކެޓުގައި ވާދަކޮށްގެންނެވެ.
ޑީއާރުޕީން ވަކިވެވަޑައިގެންނެވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެން، 2011 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަލްހާން ވަނީ އެ ޕާޓީގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. ނަމަވެސް 2012 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު، އެމްޑީޕީގެ ރައީސްކަމުގެ މަގާމުން އަލްހާން ވަނީ ވަކިކުރައްވައިފައެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމުން ވަކިކުރެއްވުމުން އަލްހާން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އެފަހުން ޖުމްހޫރީ ޕާޓީން ވަކިވުމަށްފަހު އަލްހާން ވަނީ ޕީޕީއެމަށް ވެސް ސޮއިކުރެއްވިއެވެ. އަދި މިހާރު އޭނާއަކީ އެމްޑީޕީގެ މެމްބަރެކެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ. އެމްޑީޕީ އުފެދުނީއްސުރެ، އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަޝީދަކީ މިހާރު "ދަ ޑިމޮކްރެޓްސް"ގެ މެންބަރެކެވެ. ޑިމޮކްރެޓްސްއަކީ ނަޝީދަށް ތާއީދުކުރި މެންބަރުން އެމްޑީޕީން ވަކިވެ، އުފައްދާފައިވާ ޕާޓީއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު