އިދިކޮޅު އެމްޑީޕީ ހިންގުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ހަ މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އިދިިކޮޅު ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ހައްލެއް ގެނެސްފައިވާކަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވަނީ އިއުލާނުކުރައްވައިފައެވެ.

މިރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ޕާޓީގެ ޗެއާޕާސަނަށް ލަފާދިނުމަށް ހަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލުމަށް ފާސްކޮށްފައެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

  • ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ
  • ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
  • ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
  • ކުރީގެ ރައީސް މުހައްމަދު ނަޝީދު
  • ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
  • އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް ނަޝީދާއި ރައީސް ސޯލިހަކީ އެމްޑީޕީގެ އެޑްވައިޒަރުން ކަމަށް ހަމަޖައްސަން ވެސް ފާސްކޮށްފައެވެ.

މީގެ އިތުރުން ކުރީގެ ރައީސްކަން ކުރައްވާފައިވާ އެމްޑީޕީގެ މެންބަރުންނަށް ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް މިރޭ ފާސްކުރުމުން ރައީސް ނަޝީދަށް ވެސް ވަނީ ގައުމީ މަޖިލީހުން ފުރުސަތު ލިބިވަޑައިގެންފައެވެ.