މިއަންނަ މަހު އެއްވަނަ ދުވަހު ރާއްޖޭގައި ފަށަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ބޭއްވިގެން ދާ 16 ދުވަހަކީވެސް ގައުމީ ޖޯޝުން ފުރިގެންވާ 16 ދުވަހުގެ ގޮތުގައި ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެންފިއެވެ.
އިއްޔެ ރައީސް ޔާމީންގެ ފަރާތްޕުޅުން ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގައުމީ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށާއި، ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ހޯދާ ކޮންމެ ކާމިޔާބީއަކީ ފަރުދީ ގޮތުން ތިމާގެވެސް ބައިވެރިވުމާއެކު ލިބިގެން ދާ ކާމިޔާބީއަކަށް ހެދުމަށް ޓަކައި އެންމެހައި ރައްޔިތުން ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ގައުމީ ޖޯޝާއެކު ޓީމަށް ހިތްވަރު ދިނުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވެފައި ވަނީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މުބާރާތުން ރާއްޖެ ހޯދި ފަދަ ފަހުރުވެރި ކާމިޔާބަކަށްވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށާއި، ސާފް ޗެމްޕިއަންޝިޕްގެ ތަށި ތިންވަނަ ފަހަރަށް ހޯދުމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ނުކުންނަ އިރު، އެ ކާމިޔާބީ ހޯދުމުގައި ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށެވެ. ހިތްހަމަނުޖެހުންތަކާއި، ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް، މި 16 ދުވަހަކީ ގައުމީ ޖޯޝުގެ ދުވަސްތަކަކަށް ހެދުމަށް ޕީޕީއެމް ލީޑާޝިޕުންވެސް ވަނީ ގޮވާލައިފައެވެ.
މުބާރާތް ރާއްޖޭގައި ބޭއްވުމަށް ޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، އެފްއޭއެމް ގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ގުޅިގެން ވަރަށް ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު މަސައްކަތް ކުރައްވާ ކަން ފާހަގަކުރައްވައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެޓީމަށް މަރުހަބާ ދަންނަވާފައެވެ.
"ތިން ވަނަ ފަހަރު މީ އެފަހަރު" ކަމުގައި ހެދުމަށް އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން ގައުމީ ޖޯޝާއި ފޯރީގައި ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރު ދިނުމުގައި ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީ އޮތީ ތައްޔާރަށް ކަމަށްވެސް ނޫސް ބަޔާނުގައިވެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު