ގަލޮޅު ދަނޑު ސަރަހައްދު އެއްކޮށް ބަދަލުކޮށްލުމަށް ހާއްސަ މަސައްކަތްތަކެއް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ މެޗަކާއި ގައުމީ ޓީމުގެ މެޗުތައްވެސް ކުޅެން އޮތް ހަމައެކަނި ދަނޑު، ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ވީރާނާވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. 2019 ވަނަ އަހަރު ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރި ގޮތަށް، ކިރިޔާވެސް އަލުން ބޭނުންކުރީ ސާފް ޗެމްޕިއަންޝިޕް 2021 ގައެވެ.
އެ ހާލަތުގައި ދަނޑު އޮއްވައި، 2021 ވަނަ އަހަރު، ދަނޑު ހަދަން ފެށޭނެހެން ހީވެސް ވިއެވެ. ކުރީގެ މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ދަނޑުގެ ކުރެހުމެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފައެވެ. އެހެން ނަމަވެސް، އެ ކުރެހުމުގައި ކުލައެއް ނުޖެހުނެވެ.
އޭރުގެ ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ އިންޑިއާއިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީއެއްގެ ތެރެއިން ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށެވެ. އެ އަހަރު ދަނޑު ތަރައްގީ ކުރަން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި، 2023 ވަނަ އަހަރު ބަޖެޓަށްވެސް 10 މިލިއަން ރުފިޔާގެ ބަޖެޓެއް ގައުމީ ދަނޑު ތަރައްގީކުރަން ހަމަޖެއްސިއެވެ. އެ މަސައްކަތް އިންޑިއާގެ އެހީގައި ކުރިއަށް ގެންދަން ކުރި މަސައްކަތް އެވަރުންވެސް ވީ ނާކާމިޔާބެވެ.
ރައީސް މިއަދު ބޭއްވި ޕްރެސްގައި ވިދާޅުވީ، ދަނޑުގެ ވިނަގަނޑު އެއްކޮށް ބަދަލުކޮށް، އެ ސަރަހައްދު މުޅިން ކުޅިވަރުގެ ބޭނުމަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށެވެ.
"ގަލޮޅު ދަނޑު އަޅުގަނޑުމެން ނިންމާފައި މިވަނީ ރީޕާޕަސް ނުވަތަ ރީފިޓް ކުރަން. ފިހާރަތައް ނަގައި، މަގު ވޯކިން ޕާތުވޭއަކަށް ހަދައި މަގު ފުޅާކޮށް، ދަނޑުގެ ވެލިގަނޑާ އެއްކޮށް، ވިނަގަނޑު އެއްކޮށް ނަގައި، އައު ޕިޗެއް އަޅަން. ސިޑިބަރިވެސް ހަދައި، ފުޓްބޯޅައާއި ކުޅިވަރު ހަރަކާތްތައް އަދި އެހެނިހެން މުނިފޫހިފިލުވުމުގެ ކަންކަންވެސް ކުރެވޭނެ ހިތްގައިމު ވެނިއުއަކަށް ދަނޑު ބަދަލުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ސަރަހައްދުގައި ސްޕޯޓްސް މީޓްތަކުގެ އިތުރުން އެކިއެކި ކުޅިވަރު އިވެންޓްތައް ބޭއްވޭނެ ސަރަހައްދަކަށް ހަދަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ވެގެންދާނީ މުނިފޫހިފިލުވުމުގެ މާހައުލެއް ގާއިމުވެފައިވާ ސަރަހައްދަކަށް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް