މި އަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމުން ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ކުޅުނު ތިންވަނަ މެޗުގައި ހޯސްޓް ޗައިނާ ކައިރިން 8-3 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

މުބާރާތުގައި ޖުމުލަ ހަތަރު ޓީމުން ވާދަކޮށް، ލީގު އުސޫލުން ކުޅެފައިވާ އިރު، މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވެފައެވެ. އެހެން ނަމަވެސް، ދެވަަނަ މެޗުން ހޮންގް ކޮންގްގެ މައްޗަށް ރާއްޖޭން ވަނީ 7-0 އިން ރެކޯޑް މޮޅެއް ހޯދައިފައެވެ.

ރާއްޖޭން މިއަދު ޗައިނާއާ ދެކޮޅަށް ނުކުމެ، ރަނގަޅަށް ކުޅެފައިވާ އިރު، މެޗުން ފެނުނީ ކުރިއެރުމެވެ. ރާއްޖޭން މީގެ 21 އަހަރު ކުރިން 2005 ވަނަ އަހަރުގެ ފުޓްސަލް އޭޝިއަން ޗެމްޕިއަންޝިޕްގައި ޗައިނާ އަތުން 21-0 އިން ބަލިވެފައިވާ އިރު، މިއީ އެ ނަތީޖާއާ އަޅާބަލާއިރު ރަނގަޅު ނަތީޖާއެކެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ 12 މިނިޓް ތެރޭ ޗައިނާއިން ތިން ގޯލް ޖެހިއެވެ. އެ ގޯލްތައް ޖެހީ ވޫ ޒެވެލް، ވޫ ޔޫޗެންގެ އިތުރުން އަބްދުލާ އަބްދުވެލްއެވެ. އޭގެފަހުން ފުރަތަމަ ހާފުގައި ރާއްޖޭގެ އިޝާން އިބްރާޙީމް (ސައްޓު) ގޯލެއް ޖަހައި ފަރަގު ކުޑަކުރި އިރު، ދެވަނަ ހާފުގެ ތިން ވަނަ މިނިޓްގައި ޔަން ޒެންހުއާ ވަނީ ރާއްޖޭގެ އޭރިއާތެރޭގައި ހުސްކޮށް ހުރެފައި، ޗައިނާގެ ހަތަރު ވަނަ ގޯލް ކާމިޔާބުކޮށްފައެވެ. އޭގެ ދެ މިނިޓް ފަހުން އަބްދުﷲ ޝާފިއު (ޝާއްޕެ) ރާއްޖެއަށް އިތުރު ގޯލެއް ޖަހައި އަނެއްކާވެސް ފަރަގު ކުޑަ ކުރި އިރު، އިރުކޮޅެއްފަހުން އަހުމަދު ހަމީދު (އަންމަޑޭ) ވަނީ ރާއްޖޭގެ ތިންވަނަ ގޯލްވެސް ޖަހައިފައެވެ.

ޗައިނާގެ ފަހު ގޯލްތައް ނިމެން ދަނިކޮށް ޖަހައިދިނީ މަން ޒޮންގާއި ޗެން ޒިހެންގް އަދި ޖިއަން ޝަންއެވެ.

ޗައިނާއިން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާ އިރު، ދެވަނަ މަގާމުގައި އޮތީ ދެކުނު ކޮރެއާއެވެ. ރާއްޖެ އޮތީ ތިންވަނައިގައެވެ.