މުހައްމަދު ޝަމްއޫން، ޑާކާ - ބަންގްލަދޭޝް

ސްރީ ލަންކާއިން މިފަހަރު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ބޫޓާން ކައިރިން 2-2 އިން އެއްވަރުވި މެޗަށްފަހު ލަންކާ ކޯޗު އަބްދުﷲ އަލް މުތައިރީ ރެފްރީންގެ މައްސަލައާއި މުބާރާތް އޮގަނައިޒް ކުރާ ސާފްގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

މުތައިރީއަކީ މީގެ ކުރިން 2021 ވަނަ އަހަރު ނޭޕާލްގެ ކޯޗެއްގެ ގޮތުގައި ރާއްޖެއަށްވެސް ދިޔަ ކޯޗެކެވެ. އޭނާ އަބަދުވެސް ފާހަގަކުރެވެނީ ސީދާ ސީދަލަށް ފާޑު ކިޔައި، މައިންޑް ގޭމްވެސް ބޭނުންކުރާ ކޯޗެއްގެ ގޮތުގައެވެ. ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މުތައިރީ ވަނީ އަނެއްކާވެސް އޭނާގެ އެ ޑްރާމާ ދައްކާލައިފައެވެ.

"އަހަރެމެން މެޗުގައި ކުރެވެން އޮތް ހުރިޙާ ކަމެއް ނޫން. އަހަރެމެން މެޗު ކޮންޓްރޯލްވެސް ކުރީ. އަހަރެމެންނަށް ނަސީބު އެހީވި ސުޖަން ޕެނަލްޓީ މަތަކުރީމަ. އެކަމަކު އެއީ ޕެނަލްޓީއެއް ނޫން ކަމަށް އަހަރެން ގަބޫލުކުރަނީ. މި މެޗުތަކުގައިވެސް ވީއޭއާރް ބަލަންޏާ އެއީ ޕެނަލްޓީއެއް ނޫން. ދެން ބޫޓާންގެ ދެވަނަ ގޯލް އަހަންނަށް ފެނުނީ އޮފްސައިޑް ކަމަށް. އެކަމަކު އަހަންނަކަށް ނޭނގެ. ދެން އަހަރެމެންނަށް ދޭން ޖެހޭ ޕެނަލްޓީއެއްވެސް ނުދީ ދިޔަ،" މުތައިރީ ޕޯސްޓް މެޗު ޕްރެސް ފަށަމުން ބުންޏެވެ.

މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖު ފަހު މެޗުތަކާއި ސެމީ ފައިނަލް އަދި ފައިނަލުގައިވެސް ވީއޭއާރް ލައިޓް ބޭނުން ކުރަން ނިންމާފައިވެއެވެ. މުތައިރީ ބުނީ ބޫޓާން މެޗުގައި އެ ހުރިހާ މައްސަލައެއް ރެފްރީންގެ ފަރާތުން ދިމާވި އިރު، ދެން ބަންގްލަދޭޝް މެޗުގައި އަދި ވާނެ ވަރު ވިސްނަން ޖެހޭ ކަމަށެވެ. ލަންކާއިން ސެމީއަށް ދާން ބަންގްލަދޭޝް އަތުން ޕޮއިންޓެއް ހޯދަން ޖެހޭ އިރު، އޭނާ ބުނީ އެ މެޗު ވެގެންދާނީ ސާފްގެ ތާރީހުގައިވެސް އެންމެ ބޮޑު މެޗު ކަމަށެވެ. މުތައިރީ ވަނީ ބަންގްލަދޭޝްގެ ނޫސްވެރިން ރުޅި އަރުވާލަން މަސައްކަތް ކޮށްފައެވެ.

"އަހަރެމެންނަށް ބޫޓާނާ ދެކޮޅަށް މި ހުރިހާ ގޯސްތަކެއް ހެދިތަން ފެނިގެން ދިޔަ އިރު، ދެން ވިސްނާލާ ބަންގްލަދޭޝް މެޗުގައި ވާނެވަރު. މިއީ ސާފަށް ދޭ މެސެޖެއް. ވީއޭއާރް އެއްކޮށް ބޭނުން ކުރޭ، ނޫނިއްޔާ މި ރެފްރީގެ ކަންތަކަށް ހައްލު ހޯދާ،" ކުވައިތަށް ނިސްބަތްވާ މުތައިރީ ބުންޏެވެ.

މުތައިރީ ބަންގްލަދޭޝްއާ ގުޅޭ ވާހަކަތައް ދައްކަމުން ދަނީ ކީއްވެތޯ އެހުމުން އޭނާ ބުނީ އެއީ އޮގަނައިޒިން ގައުމު ކަމަށްވާތީ ކަމަށެވެ. އެއާއެކު ބަންގްލަދޭޝް ނޫސްވެރިން ވަނީ ސްރީ ލަންކާއިން މުބާރާތް ނުބާއްވާ ދޫކޮށްލީ ކީއްވެތޯ އަހާފައެވެ. މުތައިރީ ބުނީ ދެން އޮތް މުބާރާތެއް ހޯސްޓް ކުރާނީ ލަންކާ ކަމަށެވެ. އެއީ ޖޯކަކަށް އޭނާ ބުނި ވާހަކައެކެވެ.

މުތައިރީ އިތުރަށް ބުނީ 2021 އިން ފެށިގެންވެސް ސާފުން ބޭނުން ވަނީ އިންޑިއާއާއި ބަންގްލަދޭޝްގެ ފައިނަލެއް ކަމަށާއި، އެކަން ކުރަން އެހެން ބޭނުންވާނަމަ ދެން ތިބި ގައުމުތައް އަނބުރާ ގައުމަށް ފޮނުވާލުމަށެވެ.

"އަހަންނަށް 21 ވަނަ އަހަރުވެސް ތަޖުރިބާ ކުރެވުނު. އެހެންވީމަ ވިޔަފާރިއަށްޓަކައި މި މުބާރާތް ބާއްވައިގެން މިކަން ކުރާނަމަ އިންޑިއާއާއި ބަންގްލަދޭޝް ފައިނަލަށް ގެންގޮސް، ދެން ހުރި އެހެން ހުރިހާ ގައުމެއް ގައުމަށް ފޮނުވާލާ. އަހަރެމެންނަށް އެހެން މުބާރާތެއް އެހެން ވިންޑޯއެއްގައި ބާއްވާ. މިއީ އަހަރެމެންނަށް ބޭކާރު ވަގުތުތަކަކަށް ނުހަދާ،" މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ ކުރިން ބޭއްވި ހުރިހާ ސާފެއްގައިވެސް ހޯސްޓް ގައުމުތަކަށް ރެފްރީން މޮޅު ގޮތް ހެދި ކަމަށއި، އެކަން މިފަހަރުވެސް ކުރާނެ ކަމަށެވެ. އަދި ވާހަކަ ދައްކައިގެން ކުރާނެ ކަމެއް ކުރަންވީ ކަމަށާއި، ދުނިޔެ ދޫކޮށްފައިވާ ބައްޕަ ފިޔަވާ ޖެހިލުންވީ އެކަކުވެސް މިހާތަނަށް ދުނިޔޭން ފެނިފައި ނުވާ ކަމަށެވެ. އަދި ބަންގްލަދޭޝަށް ދޫ ނުދޭނެ ކަމަށް ބުނެ އޭނާ ޕްރެސް ނިންމާލީ ނޫސްވެރިން ލޭ ކައްކުވާލައިފައެވެ.