ސީ ސްޕޯޓްސް ދިވެހި ސާފް ލީގު 2026ގެ އެންމެފަހު އިވެންޓް ކަމަށްވާ ރަންނަމާރި ޗެލެންޖްގެ ފިރިހެން ޝޯޓްބޯޑު އޯޕަން ޗެމްޕިއަންކަން ހުސައިން އަރީފް (އިބޫ) ހޯދި އިރު، އަންހެން ޝޯޓްބޯޑު އޯޕަން ޗެމްޕިއަންކަން ޒުވާން ތަރި އާލިޔާ ލަތީފް ހޯދައިފިއެވެ.

ރަންނަމާރި ޗެލެންޖްގެ ނަތީޖާއާއެކުވެސް ލީގު ޗެމްޕިއަނަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ފިރިހެން ލީގު ޗެމްޕިއަންކަން ހޯދީ ރަންނަމާރި ޗެލެންޖްގެ ފައިނަލުގައިވެސް ވާދަކުރި ޔަސިން އަހުމަދު ނާޝިދެވެ. އުމުރުން 15 އަހަރުގެ ޔަސިން ވަނީ މިދިޔަ އަހަރު ގައުމީ ސާފް ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ އޯޕަން ކެޓަގަރީއާއި ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަމުގެ އިތުރުން، އެއަހަރު ޖޫނިއާ ލީގު ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. އަދި މިއަހަރު ތިން އިވެންޓްގެ ޗެމްޕިއަންކަން ޔަސިން ހޯދިއެވެ. އެގޮތުން އޭނާ ވަނީ މިފަހަރު ފުވައްމުލަކު ސިޓީގައި ބޭއްވި ސާފް ލީގުގެ ފުރަތަމަ އިވެންޓްގެ އޯޕަން ބައިގެ އިތުރުން މ. މުލީގައި ބޭއްވި މުލީކޮޅު ރާޅުގަނޑު އިވެންޓްވެސް ކާމިޔާބު ކޮށްފައެވެ. އަދި ލ. މާބައިދޫ ކެރަންޑޫ އިވެންޓްގެ ފިރިހެން އޯޕަން ޗެމްޕިއަންކަންވެސް ހޯދީ ޔަސިންއެވެ.

ޔަސިން ނިންމާލީ 3،000 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ލީގު ނިންމާލީ ކ. ގުރައިދޫގެ މުހައްމަދު އިނާން އަބްދުލް ހަންނާނެއެވެ. އެއީ 2450 ޕޮއިންޓާއެކުގައެވެ. ތިންވަނަ ހޯދީ އަހުމަދު އާގިލް (އަންމަޑޭ) އެވެ. އޭނާގެ ޕޮއިންޓް އަދަދަކީ 2080 އެވެ.

އަންހެން ލީގު ޗެމްޕިއަންކަންވެސް އާލިޔާ ހޯދި އިރު، އޭނާގެ ޕޮއިންޓް އަދަދަކީ 1730 އެކެވެ. ގާތުން ވާދަކުރި އާޔާ ނަސީމަށް ލިބުނީ 1720 ޕޮއިންޓެވެ. ފިރިހެން ޖޫނިއާ ޗެމްޕިއަންކަންވެސް ހޯދީ ޔަސިންނެވެ.

ރަންނަމާރި ޗެލެންޖްގެ ފައިނަލުގައި އިބޫއާއި ޔަސިން ވާދަކޮށް، އިބޫ ކުރި ހޯދީ 12.50 ގެ ސްކޯއަކުންނެވެ. ޔަސިން ވަނީ 12.27 ޕޮއިންޓް ހޯދައިފައެވެ. އަންހެން ފައިނަލް ހީޓްގައި އާލިޔާ 11.83 ގެ ސްކޯއެއް ހޯދި އިރު، އާޔާ ވަނީ 5.23 ގެ ސްކޯއެއް ހޯދައިފައެވެ.

ރަންނަމާރި ޗެލެންޖްގެ ޖޫނިއާ ޗެމްޕިއަން ޔަސިން ހޯދީ އިނާނާ ވާދަކޮށްގެންނެވެ. ޔަސިންގެ ސްކޯއަކީ 10.40 އެކެވެ. އިނާންގެ ސްކޯއަކީ 10.33 އެކެވެ. ރަންނަމާރި ޗެލެންޖްގެ މާސްޓާސް ޗެމްޕިއަންކަން ހުސައިން ނިޒާމް (ނިޒޯ) ހޯދި އިރު، މަރުހަބާ ކަޕް ޓީމް އިވެންޓްގެ ޗެމްޕިއަނަކީ ފަޔާއެވެ.