މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑު ވައިރަސްގެ ސަބަބުން ރާއްޖެވެސް މިވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ބަލި ޖެހުނު މީހުންގެ އަދަދު 80،000 އިން މައްޗަށް ގޮސްފައިވާއިރު މި ބަލީގައި ރާއްޖެއިން މިހާތަނަށް 231 މީހަކު މިވަނީ މަރުވެފަ އެވެ.
މި ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ފާއިތުވި ދެ މަހެއްހައި ދުވަހު އަދަދުތައް މިވަނީ މައްޗަށް ނުގޮސް އެއްވަރެއްގައި ކަހަލަ ގޮތަކަށް ހިފެހެއްޓިފަ އެވެ. ނަމަވެސް ބަލީގެ ބިރު އަދިވެސް އެއްކޮށް ފިލައިގެން ނުދެ އެވެ.
ކޮވިޑުގެ ބަލި މަޑުކަމާ ހެދި ސްކޫލްތަަކަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލާފައި އޮންނަތާ ދޮޅު އަހަރު ފަހުން ސްކޫލްތަކުގެ ކިޔެވުން ފެށުނީ މިދިޔަ އޮގްސްޓު މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ކުދިންގެ މެދުގައި ވަނީ ހަލުވި ކަމާއެކު ފެތުރެން ފަށައިފަ އެވެ. އެގޮތުން ސްކޫލް ހުޅުވިތާ މާގިނަ ދުވަހެއް ނުވެ ބެލެނިވެރިން މިކަމުގެ ކަންބޮޑުވުން ފާޅު ކުރަން ފެށި އެވެ.
ކޮވިޑު ކަމަށް ހީކޮށް އެތައް ބަޔަކު ޓެސްޓުވެސް ކުރެ އެވެ. އެކަމަކު އެއީ ކޮވިޑެއް ނޫނެވެ. ނަމަވެސް އުނދަގުލުން ފިލާ ރޯގާއެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
"ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ ފާއިތުވި ދެހަފުތާއެއްހާ ދުވަހު ހޮސްޕިޓަލަށް ނުދާ ދުވަހެއް މަދު ކަމަށެވެ. ރޯގަ ޖެހި ކެއްސާތީ އާއި ނޭވާ ލާން އުނދަގޫވާތީ އެވެ. އޭނާ ބުނިގޮތުގައި މި ދެ ހަފުތާ ތެރޭގައި ތިން ފަހަރަށް ކޮވިޑަށް ޓެސްޓު ކުރި އެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ނެގެޓިވް އެވެ. އެހެން ކަމުން މިއީ ކޮވިޑު ނޫން ކަން ޔަގީން ވުމުން ހިތްހަމަ ޖެހުން ލިބުނު ނަމަވެސް ކެއްސާވަރުން ނުނިދޭ ކަމަށް އޭނާ ބުންޏެވެ.
"މި ބުނީ ހޮސްޕިޓަލަށް އަހަރެންގެ ދަރިފުޅު ނުގެންދާ ދުވަހެއް މަދުވާނެ. ރޯގާ ޖެހިގެން ނޭވާ ލާން އުނދަގޫ ވެގެން. އެއްޗެއް ކެވެނީއެއްވެސް ނޫން. އަރިދަފުސް އަންނަ ވަރުން ސްކޫލަށް ނުފޮނުވާ މި ބަހައްޓަނީ. ވަރުގަދަ ރޯގާއެއް. އެ ކުލާހުގެ އެހެން ކުދިންނަށްވެސް މި ރޯގާއެއް ޖެހިގެން އުޅެނީ. އައިޖީއެމްއެޗަށް ދާއިރު ދަންވަރު ދޭއް ތިނެއް ޖަހާއިރުވެސް މީހުން ގޮސް ތިބޭ ރޯގާ ޖެހިގެން ނޭވާލާން އުނދަގޫ ވެގެން. އެކަމަކު މިއީ ކޮވިޑެއްވެސް ނޫން." ކަންބޮޑުވެފަ ހުރި މީހަކު "ވަން" އަށް ކިޔައިދިނެވެ.
ހުމާއި ރޯގާއެއް ފެތުރޭތީ ސަމާލުވާން ކަމާ ގުޅެ އިދާރާތަކުން ވެސް އަންނަނީ އިރުޝާދު ދެމުންނެވެ.
އެގޮތުން އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު މާލޭގައި ވައިރަލް ހުމެއް ފެތުރެމުން ދާ ކަމަށާއި، ހުން، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ހުންނަ މީހުން ދެއްކުމަށް ހާއްސަ ފުލޫ ކްލިނިކެއް ހުޅުވައި ހިދުމަތް ދޭން ތައްޔާރުވެފައިވާ ކަމަށެވެ.
މި ފުލޫ ކުލިނިކުގެ ހިދުމަތް މާދަމާ (އާދީއްތަ) ދުވަހު ފަށާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާއިރު މި ފުލޫ ކުލިނިކު ހުޅުވާނީ ކުރީގެ އެފްއޭއެމް ބިލްޑިންގުގައި ކަމަށް ވެސް ބުނެފައިވެ އެވެ. އެފްއޭއެމް ބިލްޑިންގަކީ މީގެ ކުރިން ކޮވިޑުގެ ހާލަތު ގޯސްވި އިރު އެކަމަށް ފަރުވާ ދިނުމަށް ބޭނުން ކުރި ތަނެކެވެ.
ފާއިތުވި ތިން މަސްދުވަހު ހުމާއި ރޯގާ ފެތުރުން ބޮޑުތަނުން އިތުރުވެފައިވާއިރު އައިޖީއެމްއެޗުން ބުނީ ފުލޫ ކުލިނިކުން ފަސޭހަ ކަމާއެކު ޑޮކްޓަރަށް ދައްކައިލެވޭނެ ކަމަށެވެ. މާދަމާ ހިދުމަތް ފަށާ މި ކުލިނިކު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 10:00 އަކަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެހެންކަމުން، ހުން އައިސް ކެއްސާ ނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި، އެފްއޭއެމް ބިލްޑިންގުގައި ހުޅުވާ ކުލިނިކުން ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކުރާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި އެފަދަ އަލާމާތެއް ހުރެ، ހޮސްޕިޓަލަށް ގޮސްފި ނަމަ ބަލި މީހާ ބެލުމުގެ ބަދަލުގައި ފުލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދޭނެ ކަމަށް ވެސް ބުންޏެވެ.
ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދައި އެކަން އެޗްޕީއޭ އަށް ހިއްސާ ކުރުމަށް އެއިދާރާއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.