ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާޓް އަދި މިއުޒިކް ތެރެޕީ ޕްރޮގްރާމެއް ހިންގަނީ

އައިޝަތު ނިއުޝާ

ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް (ޔުނިޓާ) އާއި ގްލޯބަލް ފައުންޑޭޝަން ފޯ ޕާފޯމިން އާޓްސް (ޖީއެފްޕީއޭ) ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް ހާއްސަކޮށް، އާޓް އަދި މިއުޒިކް ތެރެޕީ ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފެށުމަށް ނިންމައިފިއެވެ.

މިކަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ޔުނިޓާގެ ނިއުޔޯކް އޮފީހުގެ ހެޑް، މާކޯ ސުއާޒޯ އާއި ޖީއެފްޕީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މިސް ލޫސިއާ ޖޭ. ގުއޯ އާއި ޖީއެފްޕީއޭގެ އާޓިސްޓް ރޮސްޓާގައި ހިމެނޭ ޕިއަނިސްޓެއް ކަމަށްވާ ބައިރޮން ޒޫއޮއާ އެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާގެ އަރިހުގައި، ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ. އެމެރިކާގެ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް އަމާޒުކޮށްފައިވަނީ ރާއްޖޭގައި މިއުޒިކް އާޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންނެވެ.

އޭގެ އިތުރުން މެޑަމް ފަޒްނާ ވަނީ ޔުނިޓާ އާއި ޖީއެފްޕީއޭގެ ފަރާތުން އެކަމަނާއަށް ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، އދ. ގެ އާންމު މަޖިލިސް ކުރިއާށްދާއިރު އެކަމަނާ ނިއުޔޯއަށް ކުރެއްވި މި ދަތުރުފުޅަކީ މިފަދަ ފައިދާ ހުރި އައު ޕާޓްނާޝިޕް ފުރުސަތުތައް ފަހިވެގެންދިޔަ ކަމެއްކަން ފާހަގަކުރައްވައިފައެވެ.

އެކަމަނާއަކީ ވެސް ތައުލީމީ ދާއިރާއިން ވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކުރައްވަމުން، ތައުލީމު ދިނުމުގެ ތެރޭގައި އާޓް އަދި މިއުޒިކް ބޭނުންކުރުމަކީ ވަރަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ. އަދި ޔުނިޓާ އާއި ޖީއެފްޕީއޭއާ ގުޅިގެން ރާއްޖޭގެ ޓީޗަރުންނަށް އާޓް ތެރަޕީގެ ތަމްރީނުތައް ހިންގަން ފެށުމަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ވަނީ މައުލޫމާތު ހޯއްދަވައިފައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ޔުނިޓާ އާއި ޖީއެފްޕީއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ އާޓް އަދި މިއުޒިކަކީ އިލްމީ ކަންކަމާއި ސިއްހީ ދުޅަހެޔޮ ކަމަށް އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެއްކަން ފާހަގަކުރައްވައި، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވާސިޓީތައް ކަމުގައިވާ ހާވަޑް ޔުނިވާސިޓީއާއި މަސަޗޫސެޓްސް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ ފަދަ ޔުނިވާސިޓީތަކާ ބައިވެރިވެގެން ކުރިއަށްގެންދާ މިފަދަ ބައެއް އޮންލައިން ކޯސްތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާ ކުރައްވާފައި ކަމަށެވެ.

އޭގެ އިތުރުން ސްކޫލް ކުދިންނަށް އާޓް އެންޑް މިއުޒިކް ތެރަޕީ ފޯރުކޮށްދިނުމަށް ޓްރެއިން-ދަ-ޓްރެއިނާ އުސޫލުން ރާއްޖޭގެ ޓީޗަރުންނަށް އަމާޒުކޮށް، ސެޝަންތަކެއް ކުރިއަށް ގެންގޮސްދިނުމަށް ތައްޔާރަށް ތިބިކަން ވެސް ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.