ކޮވިޑު ޖެހިގެން ފަރުވާ ދެމުން އައި 46 އަހަރުގެ މީހަކު މަރު ވެ، ރާއްޖޭގެ ޖުމުލަ 230 އަށް އަރައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި އަންހެނެކެވެ. ހދ. ވައިކަރަދޫއަށް ނިސްބަތްވާ އެ މީހާ މަރުވެފައި ވަނީ ރޭ ދަންވަރު 03:02 ގަ އެވެ.

އޭނާގެ މައްޗަށް ކުރި ކަށު ނަމާދު އޮތީ މިއަދު ހެނދުނު 07:00 ގައި، ހުޅުމާލޭ އާސަހަރާ މިސްކިތުގަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މި މަހު 17 ވަނަ ދުވަހު އެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުންދިޔަ އުމުރުން 87 އަހަރުގެ ފިރިހެނެކެވެ.

މިއަދުގެ މަރާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމުލަ އަދަދު 229 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 212 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެ އެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.