ޚަބަރު

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް މަދުން ނަގަނީ ކުދި ވިޔަފާރިތަކަށް ޖާގަ ދިނުމުގެ ގޮތުން: މިނިސްޓަރު މައުސޫމް

އައިޝަތު ނިއުޝާ

ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ސަރުކާރަށް ނަގާ މިންވަރު މަދުކޮށްފައި ވަނީ ކުދި ވިޔަފާރިތަކަށް ޖާގަ ދިނުމުގެ ގޮތުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

ރިސޯޓުތަކާއި، ގެސްޓް ހައުސްތަކުން ނަގާ ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ގެ މިންވަރަކީ އިންސާފެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަ އާމެދު ވަން ޕްލަސްގެ "ވަަން އެކްސްކްލޫސިވް" ޕްރޮގުރާމުގައި، ސުވާލު ދެންނެވުމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ޖާގަ ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވުމުން، އެކަން އެހެން ކުރަނީ ކުދި ވިޔަފާރިތަކަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ.

"ޓީޖީއެސްޓީ އަކީ އެތަނެއްގެ ވިޔަފާރިއާ ގުޅުވާފައި އޮންނަ އެއްޗެއް ވީމަ އަނެއްހެން ބޮޑު ތަފާތެއް ނާންނާނެ. ބޮޑެތި ވިޔަފާރި ކުރާ ތަންތަނުން ބޮޑެތި ޓެކްސް ނެގޭނެ. މަދު ވިޔަފާރި ކުރާ ތަންތަނުން ޓެކްސްގެ އަދަދު ކުޑަވާނެ. އެހެން ނަމަވެސް ގްރީން ޓެކްސް ރިސޯޓުތަކަށް މި އޮންނަނީ ހަ ޑޮލަރު. ބޮލަކަށް ކޮންމެ ރެޔަކަށް. ގެސްޓް ހައުސްތަކުން 3 ޑޮލަރު. ސަރުކާރުގެ ސިޔާސަތެއް އެއީ ކުދި ވިޔަފާރިތަކަށް ޖާގަ ދިނުން. އެހެންވީމަ ގްރީން ޓެކްސް ނަގާ މިންވަރު ގެސްޓް ހައުސްތަަކަށް މަދުން މިވަގުތު އެ އޮތީ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައި އޮތީ ޓެކްސް ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އޭގެ ފައިދާ ލިބޭ ގޮތަށް ކަމަށާއި، އަދި ސަރުކާރުން އެވަގުތެއްގައި ގައުމަށް ބޭނުން ވާ ކަންތައްތަކަށް ބިނާ ކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހޯދައިދިނުމަށް ޓަކައި ޓެކްސް ނިޒާމުގެ ތެރެއިން އެ ގެންނަން ޖެހޭ އެޑްޖަސްޓްމެންޓް ތަކެއް އަބަދުވެސް ގެންނަމުން ދާނެ ކަމަށެވެ. އެއީ ބޭރު ގައުމުތަކުގަވެސް އެކަން ކުރާ ގޮތް ކަމަށާއި ދިވެހިރާއްޖޭގެ ޓެކްސް ތަކަށްވެސް އެގޮތުން ބަދަލުތައް އަންނަމުން ދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ގެސްޓް ހައުސްތަކުން ނަގާ ޓީޖީއެސްޓީ އަދި ގްރީން ޓެކްސްތައް ރިސޯޓުތަކާ އަޅައި ކިޔާއިރު ބޮޑުވުމީ އިންސާފެއް ނޫން ކަމަށް ބުނެ ގެސްޓް ހައުސް އޮޕަރޭޓާސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.