މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ މަސައްކަތުގައި އުޅުމަށާއި، އެ ޕާޓީއަށް ސޮއި ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)، އަށް ފައިސާ ދިނުމަށް އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެ ކަމަށް، އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، އެމްއެންޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިއޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިޔާ ސުވާލު ކުރީ، ޖޭފޯ އާއި މޮސްޓާ އެމްއެންޕީ އުފެއްދުމުގެ މަސައްކަތާ، މީގެ ދުވަސްކޮޅެއް ކުރިން ދުރަށް ދިޔައީ، އެބޭފުޅުންނަށް ފައިސާ ދެއްވާނެ ކަމުގެ އިޝާރާތެއް ކުރެއްވި ނަމަވެސް އެ ފައިސާ ނުލިބުމުގެ ސަބަބުން ހިތްހަމަ ނުޖެހިންގެން ކަމަށް ދޭހަވާ ގޮތަށް އެ ދެބޭފުޅުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދެއްކެވި ކަމަށެވެ.

އެ ސުވާލާ ގުޅިގެން އުޝާމް ވިދާޅުވީ، އެ ޕާޓީ އުފެއްދުމުގެ ވާހަކަ ދެއްކީ ރައްޔިތުންގެ މަޖިލީހުގައި އެއް ފިކުރެއްގައި މަސައްކަތް ކުރި މެންބަރުން ތަކެއްގެ މެދުގައި ކަމަށެވެ.

އެކަމާ ގުޅިގެން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާިއރާގެ މެންބަރު އަބުދުﷲ ރިޔާޒުގެ އިތުރުން އުޝާމުގެ އިތުރުން ޖޭފޯ އާއި މޮސްޓާ ހިމެނޭ ގޮތަށް ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ހުސްވި ޖުލައި މަހުގެ ކުރީކޮޅު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވި ގޮތުގައި އެ ފަސް މެންބަރުން ހިމެނޭ ގޮތަށް ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަން (އީސީ)އަށް ހުށަހެޅި ނަމަވެސް، ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދޭނީ އެކަކުގެ ނަމަށް ކަމަށް އީސީން ބުނުމުން، އުޝާމްގެ ނަމުގައި ޕާޓީ ރަޖިސްޓްރީ ކުރުމަށް އެއްމެން އެއްބަސްވި އެވެ. ދެން ޕާޓީގެ އުފެއްދުމުގެ ހަރަކާތް ފެށުމަށް ޖުލައި 26 ގައި ބޭއްވި ނިއސުްކޮންފަރެންސްގައި ބައިވެރިވުމަށް ޖޭފޯ އާއި މޮސްޓާ ވަޑައިގަތީ ޗުއްޓީގައި ތިއްބަވާފައި ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް އުޝާމް ވިދާޅުވީ، އެ ދެ މެންބަރުންނަށް ފައިސާ ދިނުމަށް އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެ ކަމަށެވެ. އަދި ނާޒިމާއި ރިޔާޒުވެސް އެފަދަ ކަމަކަށް އެއްބަސްވެފައި ނުވާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

ނަމަވެސް އެ ނިއުސްކޮންފަރެންސަށްފަހު، ޖޭފޯ އާއި މޮސްޓާ ވަނީ އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި ދެން ނޫޅުއްވާނެ ކަމަށް ވިދާޅުވެ އެ މަސައްކަތް ހުއްޓާލިކަން އިއުލާން ކުރައްވައިފައެވެ.

އުޝާމް ވިދާޅުވީ އެ ދެ މެންބަރުން އެ ޕާޓީ އުފެއްދުުގެ މަސައްކަތް ހުއްޓައިލިކަން އެނގިވަޑައިގަތީ ވެސް މީޑިއާއިން ކަމަށެވެ. އެބޭފުޅުންގެ އޮތީ ކޮން ހިތްހަމަނުޖެހުމެއް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެބޭފުޅުންވެސް އެކަހަލަ އެއްވެސް ކަމެއް މިހާތަނަށް ހިއްސާ ކުރައްވާފައި ނުވާ ކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް އެބޭފުޅުންގެ ހުރި ހިޔާލުތަފާތުވުންތައް ނައްތާލައި އަލުން އެޕާޓީއާ ގުޅިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.