ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި 4،000 ފްލެޓު އަޅަން އިންޑިއަން އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ)ގެ ލޯނެއް ދީފިއެވެ.
ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެފްޑީސީ އާއި އެގްޒިމް ބޭންކުގެ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ސަންޖޭ ސުދީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އޭގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ރައީސް އޮފީހުގެ އިސް އޮފިޝަލުން އަދި އިންޑިއާ އެގްޒިމް ބޭންކުގެ އޮފިޝަލުންގެ އިތުރުން މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުން ކަމަށްވާ އިންޑިއާގެ އެންބީސީސީ (އިންޑިއާ) ލިމިޓެޑް އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑްގެ އިސްވެރިންގެ ވެސް ބައިވެރިވިއެވެ.
އެފްޑީސީން ބުނީ، މިއަދު ސޮއިކުރި ދެ ލޯނު އެއްބަސްވުމަކީ އެންބީސީސީ އާއި ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެކު އެ ކޯޕަރޭޝަނުން ސޮއިކޮށްފައިވާ އީޕީސީ ކޮންޓްރެކްޓުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސިން ކުރިޔަށް ގެންދިއުމަށް ދިން ދެ ލޯނެކެވެ.
މިއީ 116.45 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނަކާއި އަދި 110.5 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެކެވެ. ދެ ލޯނަށް ވެސް ސަރުކާރުގެ ސަވަރިން ގެރެންޓީ ވަނީ ދީފައެވެ.
އިންޑިއާގެ ދެ ކުންފުންޏަކުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އިމާރާތް ކުރެވޭނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ހައުސިން ޔުނިޓުތަކެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ޔުނިޓުތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާ އެވެ. އަދި ތިން ކޮޓަރީގެ ޔުނިޓުތަކުގެ ބޮޑު މިނުގައި 900 އަކަފޫޓު ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު