ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުކޮށްފި

އުމުރުން 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށުގައި ހައްޔަރުކުރި އަދ. ދިގުރަށް، ފެންފިޔާޒުގެ، މުހައްމަދު އުސްމާން ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ކުރި ހުކުމް ބާތިލު ކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުހައްމަދު އުސްމާން އެންމެ ފުރަތަމަ ހައްޔަރުކުރީ މިދޔަ މެއި މަހު 31 ވަނަ ދުވަހު އެވެ. އެ ފަހަރު މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. ނަމަވެސް މުހައްމަދު އުސްމާން ވަނީ އެ ހުކުމް މުރާޖާ ކޮށްދިނުމަށް އެދި މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފަ އެވެ.

މަހިބަދޫ ކޯޓަށް މުހައްމަދު އުސްމާން ހުށަހެޅި އެ މައްސަލަ ބެލުމަށްފަހު އެ ކޯޓުން ހުކުމް ކުރީ ޝަރުތުތަކަކާ އެކު އޭނާ ބަންދުން ދޫކޮށްލުމަށެވެ.

ބަންދުން ދޫކޮށްލުމަށް ނިންމި ސަބަބު ކަމަށް ހުކުމުގައި ބުނީ، މުހައްމަދު އުސްމާން ޝަރީއަތް ނިމެންދެން އެންމެ ފުރަތަމަ ބަންދުކުރީ އަނިޔާ ލިބުނު ކުއްޖާގެ މަންމަ އަށް ގުޅައި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަން އެދުމުން ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ހުކުމް މުރާޖައާ ކުރުމަށްފަހު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ބުނީ، ހެކިންނަށް ނުފޫޒު ފޯރުމުގެ އިހުތިމާލު އޮތީ ތަހުގީގީ މަރުހަލާގައި ކަމަށާއި މިހާރު ކުރިއަށްދަނީ ޝަރީއަތުގެ މަރުހަލާ ކަމަށް ވުމުން ހުރިހާ ހެކިންގެ ބަޔާންތައް ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން މުހައްމަދު އުސްމާން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން ވަނީ މުހައްމަދު އުސްމާން ބަންދުން ދޫކޮށްލަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައި ކޯޓުގައި ދައުލަތުން ބުނެފައި ވަނީ، މުހައްމަދު އުސްމާން އާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ހެއްކަކީ މުހައްމަދު އުސްމާނަށް ބާރު ފޯރުވޭނެ ހެއްކެއް ކަމަށެވެ. އެގޮތުން ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު އަޑުއެހުމުގައި މުހައްމަދު އުސްމާން އަނިޔާ ލިބުނު ކުއްޖާގެ މަންމަ އަށް ގުޅައި މައްސަލައާ ގުޅިގެން ވާހަކަ ދައްކަން ބޭނުންވި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށާއި، އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވުމުން އެއީ މައްސަލައިގައި ހެކިބަސް ދޭން ތިބި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ހާލަތު ވުޖޫދު ވެ، އެކަމުން މައްސަލައިގެ ހެކިންގެ ހެކިބަހަށް އަސަރުކުރުމުގެ ފުރުސަތު ފަހިވެފައިވާކަން އެނގޭ ސަބަބެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މުހައްމަދު އުސްމާންގެ ފަރާތުން ބުނެފައިވަނީ، މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއް ކަމަށާއި ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އަމުރުތައް މުރާޖައާކުރުމަށް އެދި ހުށަހެޅިދާނެ ކަން އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމަށާއި، އެގޮތުގެމަތިން މުރާޖައާ ކުރާއިރު ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާއަކީ، ތަހުގީގު މަރުޙަލާގަ އާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުން މީހެއް ނޫން ކަމަށް، ނުވަތަ އޭނާ ބަންދު ދެމެހެއްޓުމަށް އަމުރުކުރި އިރު އޮތް ހާލަތު ބަދަލުވެއްޖެ ކަމަށް ކޯޓަށް ފެނިއްޖެ ނަމަ، ނުވަތަ އެ އަމުރު ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެ ނަމަ ކަމަށް ވާނަމަ، އެހިސާބުން އެ އަމުރު ބާތިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

ދެ ފަރާތުގެ ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު ހައި ކޯޓުން ހުކުމް ކުރީ މުހައްމަދު އުސްމާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. އެގޮތުން ހައި ކޯޓުން ހުކުމް ކުރީ މުހައްމަދު އުސްމާން އާ ދެކޮޅަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ޝަރީއަތަށް ހާޒިރުވެ އެއްވެސް ފަރާތަކުން އަދި ހެކިބަސް ދީފައި ނުވާތީ މުހައްމަދު އުސްމާން ބަންދުން ދޫކޮށްލައިފި ނަމަ އެ ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ކަމަށް ގަބޫލުކުރެވޭތީ އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު މުހައްމަދު ފައިސަލް، އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.