ތިމާވެށީގެ ގޮތުން ބަލާއިރު، މޫސުމީ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ގައުމުތަކަށް ދޭ އެހީއަކީ އެ ކަމަށް އެކަށޭނަ އަދި ފަސޭހައިން ލިބޭ އެއްޗަކަށް ވާނެ ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ލީޑާސް ސަމިޓް 2021 ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓު ބާއްވާފައި ވަނީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި، ދެމެހެއްޓެނިވި ތަރައްގީ އާއި އަދި މި ނޫންވެސް ނާޒުކު މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ، އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ދިގު މާޒީއެއް އޮތް ގައުމުތަކެއް ކަމަށެވެ. އަދި ކޮވިޑް-19 ޕެންޑަމިކުގެ ސަބަބުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކު އިގުތިސާދު ތަކަށް، ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ކަމަށާއި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސޯދަށްވެސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގުތިސޯދުތައް ސިންދަފާތު ކުރުމަށް ޓެކްނޮލޮޖީ ހިއްސާކުރުމަށާއި، މާލީ އެހީތެރިކަމާއި ގާބިލިއްޔަތުކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީތެރިވެދިނުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވަކިން ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާ ފަންޑު ވާން ޖެހޭނީ އެކަމަށް އެކަށޭނަ، އެއްބަސް ވެވިފައިވާ އަދި ފަސޭހައިން ހަމަޖެހޭ ގޮތަށް އެކުލަވާލެވިފައި އޮންނަ އެއްޗަކަށް ކަންވެސް އެ މަނިކުފާނުގެ ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވަނީ ކަނޑުތައް ތަގައްޔަރު ވުމާ ބެހޭގޮތުންނާއި ކޮޕް-26 ގެ ކޮންފަރެންސަށް ތައްޔާރު ވުމަށް ކުދި ޖަޒީރާ ގައުމުތަކަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. މި ސަމިޓުން ލީޑަރުން އެއްބަސްވެފައިވާ "ލީޑާސް ޑެކްލެރޭޝަން"ގެ ސަބަބުން، މިފަދަ މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތެއް ދޭން ޖެހިފައިވާ ކަން ހާމަވާ ކަމަށާއި، އެކަންކަން ހައްލު ކުރުމަށް ޓަކައި ތަރައްގީވެފައިވާ ގައުމުތަކާއި، ބައިނަލްއަގުވާމީ ފައިނޭންޝިއަލް އިންސްޓިޓިއުޓް ތަކާއި، ޕްރައިވެޓް ސެކްޓާ އާއި، އަދި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ނުހަނު ބޭނުންވެފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި އެދެވޭ ކުރިއެރުން ލިބޭނެ ގޮތަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްލާސްޓިކުން ކަނޑުތައް ތަގައްޔަރުވުން ހުއްޓުވުމަށް ގިނަ ގައުމުތައް އެކުވެގެން ކުރަމުން އަންނަ މަސައްކަތަށް ތާއީދުކުރައްވާ ކަމަށާއި، އެކަމަށް ޓަކައި ހާއްސަ ބައިނަލްއަގުވާމީ މުއާހަދާއެއް ގެނައުމަށް ތާއީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން އައްސޭރިފަށުގެ ބިންތިރި، ކުދި ގައުމުތައް ތަމްސީލުކުރާ ޖަމާއަތްކަމުގައިވާ 'އެއޯސިސް' އުފެދުނީ 1990ގައި ޖެނީވާގައި ބޭއްވި ދުނިޔޭގެ ދެވަނަ ކްލައިމެޓް ކޮންފަރެންސްގެ ތެރެއިންނެވެ. އެއޯސިސް އަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އާއި ބައިނަލްއަގުވާމީ އެންވަޔަރަންމަންޓް ޕޮލިސީ އަށް ވަކާލާތު ކޮށް އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހާއްސަ ސަމާލުކަމެއް ދޭ ޖަމާއަތެކެވެ.