ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރުދިން އިސްމާއީލް ޔާސިފް އެއް މަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ޔާސިފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާ ފޭސްބުކުގައި ކުރި ކޮމެންޓަކާ ގުޅިގެންނެވެ. އެ ކޮމެންޓުގައި އޭނާ ބުނެފައި ވަނީ، "އަބޫޖަހުލަށް ހަދާލި ގޮތް، މުހައްމަދު ނަޝީދަށް ހަދާނެ" ކަމަށެވެ. އެ ޕޯސްޓު ފުލުހުންގެ ސަމާލުކަމަށް އައުމާއެކު ރ. މީދޫގައި ހުއްޓައި މިދިޔަ މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވެސް އޭނާ ވަނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ޔާސިފްގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް ނިންމެވީ އެއް މަހަށް ޖަލަށްލުމަށް ހުކުމް ކުރާށެވެ. އެއް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކުރުމުން ވެސް ޔާސިފް ބުނީ ނަޝީދު އަވަހާރަކޮށްލާނެ ކަމަށެވެ.

ޔާސިފް ހައްޔަރު ކުރުމަށްފަހު އެންމެ ފުރަތަމަ ބަންދުގެ މުއްދަތު ޖަހަން ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އުނގޫފާރު ކޯޓުގެ ހުރުމަތް ކަނޑާލައިގެން ވެސް 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ.

ޔާސިފަކީ މީދޫ މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި އުޅޭ މާލޭ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ އަންހެނުންގެ ގޭގައި ހުއްޓައެވެ.