ދެހާސް ނަވާރަ ވަނަ އަހަރުގެ އޮގަސްޓު މަހު އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލި ޕޮލިސް ސްޓޭޝަން ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިލްމީތަރި މަލީހާ ވަހީދު (މަލް)ގެ އަތުގައި އޮތް ޖޫސްޕެޓީ ކޮތަޅުގައި މަސްތުވާތެކެތި ހުރިކަމަށް، ދައުލަތުގެ ފަރާތުން ހެކިވެރިޔެއްގެ ގޮތުގައި ހުށަހަޅާފައިވާ ފުލުހުންގެ ފޮރެންސިކް އޮފިސަރު ބުނެފި އެވެ.

މަލްގެ އަތުން ފެނުނު ޖޫސްފެޓީ ކޮތަޅުގައި މަސްތުވާތެކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ހުރިކަމަށް ބުނެ މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދިނީ، މަލް އަތުން ފެނުނު ޖޫސްޕެޓީ ކޮތަޅާއި ސެލޯފިން ތަހުލީލު ކުރި ފުލުހުންގެ ފޮރެސިންކް އޮފިސަރު ފާތިމަތު ޝިމްޒާ ހަސަން އެވެ.

ދައުލަތުން މަލްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. މަލް އާއެކު ދެން ހައްޔަރުކުރި ހ.ސޯސަންޕްލާވާ، ފާތިމަތު ރިފްގާގެ މައްޗަށް ވެސް ދައުލަތުން ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތު ވެއްޖެ ނަމަ އުމުރު ދުވަހުގެ ހުކުމެއް އަންނާނެ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ހެކިވެރިޔާ ބުނީ، ތަހުގީގުގެ ބޭނުމަށް ފުލުހުން ނެގި ދެ ހެކި ކަމުގައިވާ ޖޫސް ޕެޓީ ކޮތަޅާއި ސެލޯފިން ތަހުލީލުކުރިއިރު، ޖޫސް ޕެޓީ ކޮތަޅުން ޑައިމޯފިންގެ ބާވަތްތައް ތަހުލީލަށް ފެނިފައިވާ ކަމަށެވެ.

މަލްގެ ދިފާއީ ވަކީލު އިބްރާހީމް ޝިޔާމް ވަނީ، ދައުލަތުން ހުށަހެޅި ހެކިވެރިޔާއާ ސުވާލުތަކެއް ކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ކުރެއްވި ސުވާލަކީ މަސްތުވާތަކެތި އެނަލިސިސް ރިޕޯޓުގައި ހަމައެކަނި މަސްތުވާތެކެތީގެ ބަރުދަނުގެ މައުލޫމާތު އޮތުމުން އެކަން ސާފުކޮށްދިނުމަށެވެ.

އެ ސުވާލަށް ޖަވާބު ދެމުން ދައުލަތުގެ ހެކިވެރިޔާ ބުނީ، ފުލުހުންގެ މުއައްސަސާއިން އަމަލު ކުރާ އެސްއޯޕީ ރިޕޯޓް ފޯމެޓްގައި އޮންނަނީ ހަމައެކަނި އެ މައުލޫމާތު އެކަނި ހިމަނަން ކަމުން އިތުރު ކަންކަން ރިޕޯޓްގައި ފާހަގަ ނުކުރާނެ ކަމަށެވެ. ނަމަވެސް ފުލުހުން އެކުލަވާލާފައި އޮންނަ ވޯކްޝީޓްގައި ފެނުނު މަސްތުވާތަކެތީގެ ބާވަތާއި ފެނުނު މިންވަރު ފާހަގަ ކޮށްފައި އޮންނާނެ ކަމަށެވެ.

އދ. ގައި އޮންނަ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) ގެ ގައިޑްލައިންތަކަށް އަމަލު ކުރިންތޯ ވެސް މަލްގެ ދިފާއީ ވަކީލު ވަނީ ހެކިވެރިޔާ ގާތު އަހައިފަ އެވެ. ޖަވާބުގައި ވަރަށް ކުރު ގޮތަކަށް ހެކިވެރިޔާ ބުނީ، ރިޕޯޓު ތައްޔާރުކޮށްފައި ވަނީ އެ ގައިޑްލައިންތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ.

ރިޕޯޓްގައި ދެ ގްރާފެއް އޮތުމުންނާއި ދެ ގްރާފަކީ ކޮބައި ކަން ސާފުކޮށް ދެއްވުމަށް ދިފާއީ ވަކީލު ވަނީ ހެކިވެރިޔާ ކިބައިން އެދިފަ އެވެ. އަދި ފާހަގަވާ އިތުރު ކަންކަން ލިޔަން ރިޕޯޓް ފޯމެޓްގައި އޮންނަ ގޮޅީގައި އިތުރު އެއްވެސް ކަމެއް ލިޔެފައި ނެތް ސަބަބުން ވެސް ސާފުކުރަން ބޭނުންވާ ކަމަށް ދިފާއީ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

އެކަން ސާފުކޮށްދެއްވަމުން ހެކިވެރިޔާ ބުނީ، ރިޕޯޓުގެ މަތީ ގްރާފުގައި ހިމަނާފައި ވަނީ ކޮތަޅުން ފެނުނު އެހެން ބާވަތްތައް ކަމާއި ތިރީ ގްރާފްގައި ހިމަނާފައި ވަނީ ޑައިމޯފިންއާ ގުޅޭ ބައި ކަމަށެވެ. އަދި ގޮޅީގައި އެއްޗެއް ލިޔެފައި ނެތީ ފާހަގަ ކުރާނެ ކަމެއް ނެތުމުންކަމަށެވެ.

މަލްއާއެކު ދެން ހައްޔަރު ކުރި ރިފްގާގެ ދިފާއީ ވަކީލު ވިދާޅުވީ، ހެކިވެރިޔާއާ ކުރާނެ ސުވާލެއް ނެތް ކަމަށެވެ.

ދައުލަތުން ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް ނަގައި ނިމުމުންނާއި ދިފާއުގެ ފަރާތުން ހެއްކެއް ހުށަހަޅާފައި ނެތުމުން ދެން އޮންނަ އަޑުއެހުމުގައި މައްސަލައިގެ ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ވިދާޅުވެފަ އެވެ. ހުލާސާ ބަޔާން އިއްވާ އަޑުއެހުން ތަވާލު ކޮށްފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހަށެވެ.