ހުޅުމާލެ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން 25 ބުރިއަށް ފްލެޓު އިމާރާތް ކުރީ، ބިން ހެޔޮގޮތުގައި ބޭނުން ކުރަން ކަމަށާއި އޭގެ ސަބަބުން އޭރު ބިމުގެ އަގަށް ބަލާއިރު، އެއް ބިލިއަން ރުފިޔާގެ ބިން ސަލާމަތްކުރެވުނު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓުތަކުގެ އަގު 5،600 އަށް ކުޑަކޮށް ދިނުމަށާއި، ގްރޭސް ޕީރިއަޑެއް އަހަރަށް ދަމާލުގެ އިތުރުން ފްލެޓުގެ މުޅި އަގުން އެއްލައްކަ ރުފިޔާ ކަނޑައަޅައިދިނުމަށް އެދި ފްލެޓު ލިބުނު ފަރާތްތައް އެކުވެގެން އުފައްދާފައިވާ ހިޔާ ޔޫނިއަނުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން، ކަންކަން އޮޅުން ފިލުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލޭ ސަރަހައްދުގެ ބިމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.
އެހެންކަމުން ހިޔާ މަޝްރޫއު ހިންގިއިރު އޭރު އޮތް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ބެލީ އެންމެ ހެޔޮގޮތުގައި ބިން ބޭނުންކުރުމަށް ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެށިގެން ހަތަރު ކިލޯމީޓަރުގެ ރޭޑިއޭޝްއަކުން ބޭރުގައި، ހުޅުމާލޭގައި ސޯޝަލް ހައުސިންއަށް ކަނޑައަޅާފައި ހުރި ހުރިހާ ބިމެއްގައި އެންމެ ގިނަ ފްލެޓު ނެގޭނެ ގޮތެއް ހޯދުމަކީ ސަރުކާރުގެ އޭރުގެ ޕޮލިސީ ކަމަށްވެސް ވިދާޅުވިއެވެ.
އެއާއެކު ހިޔާ މަޝްރޫއުގެ ދަށުން 25 ފަންގިފިލާއަށް ފްލެޓު އިމާރާތްތައް ހެދުމުގެ ސަބަބުން 370،000 އަކަފޫޓުގެ ބިން ސަލާމަތް ކުރެވިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ހުޅުމާލޭގެ އޭރުގެ ބޭސްރޭޓުން އަކަފޫޓަކަށް 3000 ރުފިޔާއިން ބަލާއިރު އެއީ އެއް ބިލިއަން ރުފިޔާ ކަމަށާއި، އެކަމުގެ ސަބަބުން 2800 ހައުސިން ޔުނިޓު ނުވަތަ 14،000 އެއްހާ ރައްޔިތުންނަށް ފްލެޓު އެޅޭނެ ބިން ސަލާމަތް ކުރެވިގެން ދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒުގެ އެ ވާހަކަތަކާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، 2014 ވަނަ އަހަރާ ހިސާބުން ހުޅުމާލެ ދެވަނަ ފޭސްގެ މާސްޓާޕަލޭން ހެދިއިރު އޮންނާނީ މާލޭގައި ހުރި ތޮއްޖެހުންތަކާއި ދަތިތައް ދިމާނުވެ، ހިތްގައިމު ސިޓީއެއްގެ ގޮތުގައި ނުވަތަ ސަރަހައްދެއްގެ ގޮތުގައި އެއްލައްކަ މީހުންނަށް އަމާޒުކޮށްގެން ތަރައްގީކުރުމަށް ކަމަށެވެ.
ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން 160،000 މީހުންނަށް އަމާޒު ކުރުމުން، މުއިއްޒު އެ ވިދާޅުވާ ހުސް ބިންތަކުގައި އިތުރު ފުލެޓު އަޅަން ޖެހުމުން، އެއީ ސަލާމަތްކުރެވުނު ބިންތަކެއް ކަމަށް ނުބެލެވޭ ކަމަށް ސުހެއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެތަން ޕްލޭންކޮށްފައި ވަނީ ދެވަނަ މާލެއެއް އުފެދޭގޮތަށް ކަމަށެވެ.
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު