ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް، އެ ވިސްނުންތަކާއި ހިޔާލުތައް ގައުމަށްވުރެ އިސްކޮށްގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މާޒީއަށް ބަލާއިރު އަދި މިހާރުވެސް ގަސްދުގައި ނުވަަތަ ނޭނގި ނަމަވެސް ގައުމާ ދެކޮޅަށް މަސައްކަތް ކުރެވޭ ކަމަށެވެ. ރައީސް ވިދާޅުވީ ގައުމާ ދެކޮޅުވެވެނީ ހަމައެކަނި ކަނޑިބަނޑި ނަގައިގެން ހަނގުރާމަ ކުރަމަކުން ނޫން ކަމަށާއި، ފިކުރީ ގޮތުންވެސް ގައުމާ ދެކޮޅުވެވިދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އަތުން ލިޔެވޭ އެއްޗަކުން، ބުނާ ބަހަކުން ނުވަތަ ކުރާ އަަމަލަކުންވެސް ގައުމާ ދެކޮޅުވެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ހުރެދާނެ އެކި ކަހަލަ ހިޔާލުތަފާތުވުން. އެކަމް މިއިން އެއްވެސް ހިޔާލު ތަފާތުވުމެއް މަތި ކުރެވިގެން ނުވާނެ ގައުމާ އެއްކޮޅަށް، ގައުމުގެ ވިސްނުން އިސްކުރުމުގެ މައްޗަކަށް. ސިޔާސީ ގޮތުން ހާއްސަކޮށް މިކަހަލަ ކަންކަން ދިމާވަނީ. މީ ސިޔާސީ ބޭނުމެއްގަ، އަމިއްލަ އެޖެންޑާއެއް ކުރިއަށް ގެންދިޔުމުގަ ހަމަ ގައުމާ ދެކޮޅަށް ކޮންމެފަދަ ވާހަކައެއްވެސް ދެއްކެވިދާނެ. އިގްތިސޯދީ ގޮތުންވެސް ގައުމާ ދެކޮޅަށް ވާހަކަ ދެއްކިދާނެ. މިސާލަކަށް މީގެކުރިން ވަރަށް ގިނައިން ހުންނާނެ ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލާފަވެސް އިނގޭތޯ، ކިތަންމެ ފަހަރަކުވެސް. އެއީ ގައުމާ އެއްކޮޅަށް ކުރެވޭކަމެއް ނޫން. ގައުމަށް ފައިދާވާނެކަހަލަ އެއްވެސް ކަމަކަށް ހުރަސް އެޅުމަކީ ގައުމާ ދެކޮޅުވުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި، އަދި ދިވެހިންނަކީ އެއްބައިވަންތައް ބައެއް ކަމަށެވެ. އެއީ ރާއްޖެ ސިފަކޮށްދޭ ސިފަތަކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ސިފަތަކާ ދެކޮޅުވާ ނުވަތަ އެ އަސާސްތައް ފުނޑުފުނޑުވެ އެކަންތައް ވީރާނާވެދާނެ ކޮންމެކަމަކީ ގައުމާ ދެކޮޅުވުންކަމަށް ރައީސް ވިދާޅުވިއެވެ.
އެކަންތައް މީގެކުރިންވެސް ބަޔަކު ކޮށްފައިވާ ކަމަށާއި، އަދި މިހާރުވެސް ބަޔަކު އެކަންތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، އެފަދަ ކަންކަމަށް ހުޝިޔާރުވެ ތިބުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް