ކޮވިޑާ ގުޅިގެން މޮނީޓަރިންގެ ހާލަތުގައި އޮތް އައްޑޫ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމައިފިއެވެ.
ކޮވިޑްގެ ކޭސްތަކެއް ފެނި އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގްރޭޑް 9 އިން ފެށިގެން ދަށުގެ ގްރޭޑްތަކުގެ ކިޔެވުން މެދެކަނޑާލާފައި އޮތް ނަމަވެސް، ހާލަތު ރިވިއު ކުރުމަށްފަހު ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވަދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކާ އެކު އެޑިއުކޭޝަން މިނިސްޓްރީން އަންގާ ގޮތަށް ސްކޫލްތަކަށް ކުދިން ހާޒިރުކޮށްގެން ކިޔެވުން ކުރިއަށް ގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާ ދީފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އެހެންކަމުން މާދަމާ އިން ފެށިގެން އައްޑޫގެ ހުރިހާ ސްކޫލަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔެވުން ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ކޮވިޑާ ގުޅިގެން އައްޑޫ މޮނީޓަރިންއަށް ލާފައިވާއިރު، ކޮވިޑަށް ފަރުވާ ހޯދަމުންދާ 262 މީހަކު އެބަތިއްބެވެ. އަދި ކޮވިޑް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅައިފައިވާއިރު، ރޭގަނޑު 9:00 އިން ފަތިހު 4:00 އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.