އިޓަލީގައި މަރުވެފައި ހުއްޓާ ފެނުނު ހދ. ނޮޅިވަރަންފަރު/ މަހުމޫދު އިމާދުގެ މަރުގެ ހަގީގަތް ބެލުމަށް ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާގެ ފަރާތުން ވާހަކަދައްކަމުން މަހުމޫދުގެ ކޮއްކޮ މޫސާ ފަތުހީ "ވަން" އަށް މިއަދު ބުނީ، މަހުމޫދު މަރާލާފައިވާ ކަމަށް ގިނަ ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އާއިލާއަށް އެކަން ކަށަވަރު ނުވާ ކަމަށެވެ. ނަމަވެސް މަހުމޫދުގެ ފޯނު ހަލާކު ކޮށްލާފައި އޮތުމުން އޭނާގެ މަރާމެދު ޝައްކުތަކެއް އުފެދޭ ކަމަށް ބުންޏެވެ.

ފަތުހީ ބުނީ އޭނާގެ ބޭބެގެ ފަރާތުން އާދަޔާހިލާފު އެއްވެސް ކަމެއް ފާހަގަނުވާ ކަމަށެވެ. އެހެންކަމުން އޭނާގެ މަރުގެ ހަގީގަތް ބެލުމަށް ޕޯސްޓްމޯޓަމް ހަދަން ބޭނުންވާކަން އާއިލާގެ ފަރާތުން ފޮރިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި އަދި އަދުހަމްގެ ހަށިގަނޑު ރާއްޖެ ގެނެވޭނެ ގޮތެއް ހަދައި ދިނުމަށްވެސް އެދިފައިވާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންނަކަށް ނޭނގެ އަސްލު އަމިއްލައަށް މަރުވީ ކަމެއް ނޫނީ ބަޔަކު މަރާލީ ކަމެއް އަދި ބުނާކަށް. ހަށިގަނޑު މިހާރު އޮތީ ހޮސްޕިޓަލެއްގައި. އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައި. ދެން އަޅުގަނޑުމެން ގާތު ބޭބެ (މަހުމޫދު)ގެ އަންހެނުން ބުނީ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް. ވަރަށް ޔަގީންކަމާއެކު ބުނީ. ދެން ފޮރިން މިނިސްޓަރީގައި އަޅުގަނޑުމެން އެދެފިން އެ މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށް. ޕޯސްޓްމޯޓަމްވެސް ހަދަން އާއިލާއިން ބޭނުންވާ ކަމަށް،" އޭނާ ބުންޏެވެ.

މަހުމޫދަކީ އިޓަލީ އަންހެނަކާ އިނދެގެން އެގައުމުގައި ދިރިއުޅޭ މީހެކެވެ. އަދި އޭނާގެ ކައިވެންޏަށް އަށް އަހަރު ވެފައިވާ އިރު، އަހަރަކު ދެތިން ފަހަރު އާއިލާ ކައިރިއަށް ރާއްޖެ އާދެއެވެ. އެގޮތުން މިހާރުވެސް އޭނާގެ އަންހެނުންނާއި ބަފައިބެ ތިބީ ރާއްޖޭގައެވެ. އަދި މަހުމޫދުވެސް ވަނީ މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ އައުމަށް ޓިކެޓު ނަގައިފައެވެ.

މަހުމޫދުގެ ކޮއްކޮ، ފަތުހީ ބުނީ، ބޭބެގެ އަންހެނުންނާއި ބަފައިބެ ނޮޅިވަރަންފަރުގައި ތިބީ ގެސްޓުހައުސް ވިޔަފާރިއެއް ފަށަން އެތަން އިމާރާތްކޮށް އެތަނުގެ ފިނިޝިން މަސައްކަތްތަކެއް ނިންމުމަށް ކަމަށެވެ. ނަމަވެސް މަހުމޫދުގެ މަރާއެކު އަންހެނުން އިޓަލީއަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންނަކަށް އަދި މިވީހާތަނަކަށް ނުފެނޭ ބޭބެއާއި ފަހަރި މައްސަލަ ޖެހިގެން އުޅުނު ތަނެއް. ވަރަށް ލޯބިން އުޅުނީ ދެމީހުން. ދެން ނޭނގެ އަމިއްލައަށް މަރުވާން ޖެހޭނެ ސަބަބެއް،" ފަތުހީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އިޓަލީގައި ބޭބެ އުޅޭތާ އަށް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު ދުވަހަކުވެސް މީހަކާ ނުވަތަ ބަޔަކާ މައްސަލައެއް ނުޖެހޭ ކަމަށެވެ. އަދި ބައެއްގެ ފަރާތުން އިންޒާރެއް ލިބިފައިވާ ވާހަކަ ނުބުނާ ކަމަށްވެސް ބުންޏެވެ.