އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނެގުމަކީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ޓުރިޒަމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ގްރީން ލިސްޓުން އުނިކޮށް، ރާއްޖެ ރެޑްލިސްޓަށް ލާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް ރެޑް ލިސްޓަށް ބަދަލު ގެނެސް އެ ލިސްޓުން އިއްޔެ ރާއްޖެ ވަނީ އުނިކޮށްފައެވެ. މިއާއެކު ކަރަންޓީނު ވުމަކާނުލައި ދެވޭނެއެވެ.

އިނގިރޭސިވިލާތުން ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު އޮންނަނީ ތިން ކެޓެގަރީއަކަށް ބަހާލައިފައެވެ. އެއީ ގްރީން، އެމްބާ އަދި ރެޑެވެ.

ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުން މަނާވާނެއެވެ. އަދި އެ ގައުމުތަކުން އިނގިރޭސިވިލާތަށް އެތެރެވާ މީހުންވެސް ދިހަ ދުވަހުގެ ކަރަންޓީނުވާން ޖެހޭނެއެވެ. ކަރަންޓީނުވާން ޖެހޭނީ އެކަމަށް ހާއްސަ ކޮށްފައި ހުންނަ ފެސިލިޓީއެއްގައި، އަމިއްލަ ހަރަދުގައެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނެގުމާ ގުޅިގެން ޓުރައިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަން" އަށް މިއަދު ވިދާޅުވީ ޔޫކޭގެ ގްރީން ލިސްޓުގައި ރާއްޖެ ހިމެނުމަށް ގިނަ މަސައްކަތެއްކޮށް ދިގު އިންތިޒާރެއް ކުރެއްވި ކަމަށެވެ.

"އިބިލީހުގެ ކައިވެންޏަށް އިންތިޒާރު ކުރިހެން އަޅުގަނޑުމެން މިކަމަށް އިންތިޒާރު ކުރިން. މިއީ ވަރަށްވެސް އުފާވެރި ދުވަހެއް. ގްރީން ލިސްޓުގައި ހިމެނުމަކީ ކޮވިޑުގައި ރާއްޖެ ކާމިޔާބުވި ކަމުގެ ހެއްކެއް. ރާއްޖޭގެ ޓުއަރިޒަމަށް ބޮޑު ބަދަލެއް އަންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. މައުސޫމް ވިދާޅުވީ ފުލައިޓުތައް ދެން ދަތުރުތައް ފަށާނެ ކަމަށާއި މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް މިކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ހާއްސަކޮށް މި ސީޒަނާ ދިމާކޮށް ރާއްޖެ، އިނގިރޭސިވިލާތުގެ ގްރީން ލިސްޓަށް އައުމަކީ އެގައުމުގެ ޓުއަރިސްޓުން އަންނަ ރިސޯޓުތަކަށް ލިބިގެންދާނެ އިގުތިސާދީ ކުރިއެރުމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖެ، އިނގިރޭސިވިލާތުގެ ރެޑް ލިސްޓަށް އެރުމުގެ ކުރިން މެއި މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 2500 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރެޑް ލިސްޓުގައި ނުހިމެނޭ ގައުމުތަކުން އިނގިރޭސިވިލާތަށް އެތެރެވާ މީހުންނަށް ލުއިތަކެއް ދިނުމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ ވެކްސިންގެ ޑޯޒްތައް ހަމަކޮށްފައިވާ މީހުން އެގައުމަށް އެތެރެވާއިރު ޕީސީއާރު ޓެސްޓެއް ގެންނަން ނުޖެހުމެވެ. އެ ލުޔަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.

ލިސްޓަށް ގެނެވުނު ބަދަލުތަކާއެކު ލިބޭ ލުއިތަކަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ. އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި މިހާރު އޮތީ 54 ގައުމެކެވެ.