ސާފް ޗެމްޕިއަންޝިޕް

މަގޭ މަހަލްދީބު: "ތިންވަނަ ފަހަރު، މިއީ އެފަހަރު"

"މި ރީޖަންގެ ޕްރިމިއާ ފުޓުބޯޅަ މުބާރާތް، މިއީ ރާއްޖޭގެ ވޯލްޑް ކަޕް،" ނޯވާ އެސޯސިއޭޝަންސްގެ ނިއުޝާދު ޝަރީފް ސާފް ޗެމްޕިއަންޝިޕް ސިފަކުރަން ފެށީ މިހެންނެވެ. ރާއްޖޭގައި އެކަނި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއް ހޯސްޓް ކުރުމަށް ރޭ ފެށި ރަސްމީ މަސައްކަތުގައި ފެނިގެން ދިޔައީ މާކެޓިންގެ ހުރިހާ ވިސްނުމެކެވެ. ނޯވާ އެސޯސިއޭޝަނަކީ ސާފް ޗެމްޕިއަންޝިޕްގެ މާކެޓިން ހުރިހާ ކަމެއް އެފްއޭއެމްއިން ހަވާލުކޮށްފައިވާ ކުންފުންޏެވެ. މި ފުރުސަތަކީ ޝަރަފެއް ކަމަށް ބަލައި، ފުރުސަތުގެ ބޭނުން ހިފަން ވިސްނާފައިވާ ވިސްނުން ނިއުޝާދު ހިއްސާ ކުރީ ކުރުކޮށް ފޮނިކޮށެވެ.

"ފުރަތަމަ ކަމަކަށް މިއީ އެކުވެރިކަމަށް ވަރަށް ބޮޑު ޑްރައިވިން ފޯސްއެއް ކަމަށް ގަބޫލުކުރެވޭ. މި މަގުސަދު ހާސިލުކުރަން ޖެހޭނެ ކަމަށް ވިސްނައި އެ ފުރުސަތުގެ ބޭނުން ހިފަން ވާނީ ނިންމާފައި. ދެވަނަ ކަމަކަށް ރީޖަނަލީ ކުޅޭ މެޗުތަކާއެކު އަޅުގަނޑުމެންގެ ފުޓުބޯޅައަށް މީގެން ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވިސްނިން. ތިންވަން ކަމަކީ، މިއީ ތިންވަނަ ފަހަރު މުބާރާތް ހޯދުމަށް ލިބޭ. އަދިވެސް އެއްފަހަރު ކިޔާލާނަން، ތިންވަނަ ފަހަރު މިއީ މުބާރާތް ހޯދަން ލިބޭނެ. މިކަން ހަނދާން ނެތް ވަރަށް ގިނަ ފަރާތްތަކުން. އަޅުގަނޑުމެން ސާފް ޗެމްޕިއަންކަން ތިން ފަހަރު ހޯދައި، ޖާޒީގައި އެ ތިން ތަރި ޖަހާލެވުމަކީ ލިބޭނެ ބޮޑު ޝަރަފަކަށް ވާނެ،" ނިއުޝާދު އޭނާގެ ވިސްނުން ތިލަކޮށްދޭން ފަށަމުން ބުނެފައިވެއެވެ.

2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނަކީ ރާއްޖެ ކަމަށްވާ އިރު، ދިވެހީން ނުކުންނަން ޖެހެނީ ތަށި ދިފާއުކުރުމަށެވެ. 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ކާމިޔާބީއަށް ރަން މެޑަލްއެއް އިތުރު ކުރުމަށެވެ. އެހެންކަމުން ރޭ ފެށި "މަގޭ މަހަލްދީބް"ގެ ބިޔަ ކެމްޕޭނުގެ އަލްޓިމޭޓް ގޯލަކީ "ތިންވަނަ ފަހަރަށް" ތަށި ހޯދުމެވެ.

މައިގަނޑު ތިން މަގުސަދެއް: ރާއްޖެ އިޝްތިހާރުކުރުމާއި ބެންޗުމާކެއް ސެޓްކޮށް، ގައުމީ ރޫހުގެ ވިސްނުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕޭން އިފްތިތާހުކޮށްދެއްވުމުގެ ކުރިއަށް މިފަހަރުގެ މުބާރާތުގެ މަގުސަތުތައް ނިއުޝާދު ކިޔައިދިނެވެ. "މަހަލްދީބުގެ" މިއުޒިކީ އަޑުން ގައުމީ ރޫހު ގެނުވި އިވެންޓުގައި ނިއުޝާދު ބުނެފައި ވަނީ މިފަހަރުގެ މުބާރާތަށް އޮތީ ތިން މަގުސަދެއް ކަމަށާއި، އެއީ ރާއްޖޭގެ އިޝްތިހާރަށް ފުރުސަތުގެ ބޭނުން ކުރުމުގެ އިތުރުން މުބާރާތުގެ ސްޓޭންޑާޑު މަތިކޮށް، ރާއްޖޭގެ ރައްޔިތުންގެ ރޫހު ނެގެހެއްޓުން ކަމަށެވެ.

"އެއް ކަމަކީ ރާއްޖެ ޕްރޮމޯޓް ކުރުން. މިއީ ވަރަށް ބޮޑު ފުރުސަތެއް ރާއްޖޭގެ ޔުނީކުނެސް ދުނިޔެއަށް ދައްކާލުމަށް. ދެވަނަ ކަމަކީ މި ރީޖިންގައި އެކި ގައުމުތަކުގައި ބޭއްވެމުންދާ އިރު، މިފަހަރު އެކަނި ހޯސްޓް ކުރަން ލިބުނީމަ ބެންޗުމާކެއް ސެޓްކޮށް، ސްޓޭންޑާޑެއް ސެޓް ކުރުން. ދެން މި މުބާރާތް ބާއްވާއިރު އެ ފެންވަރުގައި މުބާރާތް ބާއްވަން ބަލާނެ މިންގަނޑެއް ކަނޑައެޅުން. ތިންވަނަ ކަމަކީ ގައުމު. ގައުމަށް ޕަވާފުލް މޫވްމަންޓެއް ގެނައުން. ގައުމީ ރޫހު އިތުރުކުރުން. ރައްޔިތުން މީގައި ބައިވެރިކުރުވުން. އެކަތިގަނޑަކަށް ހެދުން،" ނިއުޝާދު ބުންޏެވެ.

އިވެންޓުގައި ފުރިހަމަ ލަވައަކާއެކު ސާފް ޗެމްޕިއަންޝިޕް އިއުލާން ކުރެވިގެން ދިޔައީ ތަފާތު ބްރޭންޑެއްގައެވެ. އެއީ ހިތްގައިމު އާޓްވޯކްތަކާއި މުޅި ރާއްޖޭގައި ސާފްގެ ކުލަ ޖެހިގެންދާ ބޮޑު ޕްލޭނަކާވެސް އެކުގައެވެ. މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ ވިސްނުން ވަރަށް ބޮޑަށް ގެންގުޅުއްވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްކެވި ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ.

"މުބާރާތް ބާއްވަން ލިބުނު ފުރުސަތަކީ އެންމެން ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ. ބިޑް ކާމިޔާބު ކުރުމަށްޓަކައި ރައީސް ދެއްވި އެއްބާރުލުމާއި، ދިވެހި ސަރުކާރުން ދެއްވި އެއްބާރުލުން، އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ތަފާތު ބްރޭންޑިންއެއްގެ ދަށުން ސާފް ޗެމްޕިއަންޝިޕް ބާއްވަން މި ގަސްދުކުރަނީ. ދަނޑުމައްޗަށް ނުކުންނައިރުވެސް ރާއްޖޭގެ ރަމްޒު އެހެން ގައުމުތަކަށް ކުރެވޭތޯ މަސައްކަތް ކުރަން ޖެހޭ. ފުޓުބޯޅައިގެ ތެރެއިން އިތުރު ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ ގޮތްތަކަކަށް ވިސްނައި، އެކަންކަން ހޯދަން މަސައްކަތް ކުރަން ޖެހޭ. މިއަދުގެ ޕްރޮމޯޝަނަލް އައިޓަމްތަކުން އެ ވިސްނުން ފެނިގެން ދިޔަކަން ގަބޫލުކުރަން،" ބައްސާމް ވިދާޅުވިއެވެ.

"މަގޭ މަހަލްދީބު": ހާއްސަ މެސްކޮޓާއި ފޭން ޗާންޓްތަކާވެސް އެކު

ބޭރުގެ ބޮޑެތި މުބާރާތްތަކުން މިސާލު ނަގައި، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ހޯސްޓް ކުރާނީ އަމިއްލަވަންތަ ކުލަތަކެއްގައި، އަމިއްލަވަންތަ ގޮތްތަކެއްގެ ތެރެއިންނެވެ. ގައުމީ ސަގާފަތާއި އާދަކާދައާއި ތާރީހުގެ ތެރެއިން ފައްކާ ކުރި ކުރެހުންތަކާއެކު މިހާރުގެ ބްރޭންޑިން ކޮންސެޕްޓްގައި މޫދުގެ ދިރުންތަކާއެކު، އެކިއެކި ކުލަތަކުގައި ދައްކާލައިފައިވެއެވެ. ލޯގޯވެސް ބަދަލުކޮށް، ދަނޑުގައި ބޭނުންކުރާ ޑިޒައިންތައްވެސް އޮފީސްތަކަށްވެސް ބޭނުންކުރެވޭނެ ގޮތަށް ވަނީ ދޫކޮށްލައިފައެވެ. ބޭނުމަކީ ގައުމު އެކުވެރި ކުރުމެވެ.

ކަނޑުގެ ދިރުން ބްރޭންޑިންއިން ފެނިގެން ގޮސްފައިވާ އިރު، ގައުމީ ޓީމުގެ "ރެޑް ސްނެޕާސް"ގެ "ނިކް ނޭމް"އާ ގުޅުވައި ރަތް ކުލައިގެ މަހެއް ސިފަވާ "ސްނެޕާ" ގެ ނަން ދީފައިވާ މެސްކޮޓްވެސް ވަނީ ރޭ ދައްކާލައިފައެވެ. އެކިއެކި މީޑިއަމްތަކުން މެސްކޮޓް ބޭނުން ކުރެވޭނެ ގޮތްތައް ހޯދަން މަސައްކަތް ކުރާ ކަމަށް ރޭގެ ހަފްލާގައި ނިއުޝާދު ބުނެފައިވެއެވެ. ނިއުޝާދުގެ ޓީމުން ކުރިއަށް އޮތް މަދު ދުވަސްތަކުގައި ބްރޭންޑުގެ "ހުރިހާ އެޓްރިބިއުޓެއް" އާންމުންނަށް ދޫކޮށްލާނެއެވެ. އެ ބޭނުންކުރަން އާންމުންނަށް ދޫކޮށްލާނީ ބްރޭންޑް ގައިޑްލައިނަކާ އެކުގައެވެ.

ގައުމީ ޓީމު، ގައުމީ ފުޓުބޯޅައިގެ ތެރެއިން ގައުމީ ރޫހު ނަގަހައްޓަން "މަގޭ މަހަލްދީބު"ގެ ނަން، ޝިއާރެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕަށް ބޭނުންކުރާ އިރު، ދަނޑުގައި ސަޕޯޓަރުން ބޭނުންކުރާނެ ޗާންޓެއްވެސް ރޭ ވަނީ އަޑު އިއްވާލައިފައެވެ. ޗާންޓަކީ "މަހަލްދީބު... މަހަލްދީބު... މަހަލްދީބު،" އެވެ. އޭގެ ތެރެއިން ހާއްސަ ވިޝުއަލް ކެމްޕޭނުގައި ބޭނުންކުރާނެ ގައުމީ ޖޯޝުގެ ޕޯސްޓަރުތައްވެސް ރޭ ވަނީ ދައްކާލައިފައެވެ. ޕޯސްޓަރުތަކުގައި ބޭނުންކޮށްފައި ވަނީ ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ އަރަމުން އަންނަ ބައެއް ތަރިންނެވެ.

އެ ކެމްޕޭން ހިނގާނީ ހަމައެކަނި ސޯޝަލް މީޑިއާގައި އެކަނި ނޫން ކަމަށް ނިއުޝާދު ފާހަގަކުރިއެވެ. އެކި އުމުރުފުރާތަކަށްވެސް މަޖާ ޓީވީ އިޝްތިހާރުތަކާއެކު ބޭނުންކުރާނެ ޓެގް ލައިނަކީ "ތިންވަނަ ފަހަރު. މިއީ އެފަހަރެވެ." އެއާއެކު "ތިން ފަހަރުގެ ފުރުސަތު" އޮތްކަން ރައްޔިތުންގެ ހިތްތަކުގައި ރޫހު އުފައްދަން، ކުންފުނިތަކާއެކު ބޮޑެތި ފާރުތައް ޕެއިންޓް ކުރުމާއި، ބޮޑެތި ބިލަބޯޑުތައްވެސް ރަށްރަށުގައިވެސް ހަރުކުރާނެ ކަމަށް ނިއުޝާދު ފާހަގަކުރިއެވެ.

މިއީ އުނދަގޫ ހާލަތަކުން އަރައިގަންނަން ރާއްޖެއަށް ލިބުނު ބޮޑު ފުރުސަތެއްކަން އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވައިފައެވެ. ބައްސާމް ފާހަގަކުރެއްވީ އުންމީދަކީ ފައިނަލް ކާމިޔާބުކުރުން ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ގައުމީ ވަންތަކަމުގައި، ގައުމީ ރޫހުގައި މި މުބާރާތް ކާމިޔާބުކުރަން އެކުވެރިވުން ކަމަށެވެ.

"މަސައްކަތް މިކުރަނީ ތިންވަނަ ފަހަރު ސާފް ޗެމްޕިއަންޝިޕުގެ ތަށި ރާއްޖޭގައި ބެހެއްޓުމަށްޓަކައި. މުބާރާތް ބާއްވަން ލިބުނު ވަގުތަކީ މުނާސަބު ވަގުތެއް ކަމުގައި ދަންނަވަން. އަޅުގަނޑުމެންގެ އެތައް ބަޔަކު ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ދަތި އުނދަގޫ ވަގުތުތަކެއް ތަހައްމަލު ކޮށްފި، މާޔޫސީ ދޮޅު އަހަރު ހިނގައްޖެ. ކުރިއަށް ފިޔަވަޅުތަކެއް މިވަގުތު އަޅާއިރު ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަކަށް ހުރިހާ ރައްޔިތުންނަށްވެސް އުފާވެރި ކަމަކަށް ވާނެ. ރާއްޖޭގެ ޓީމު ގަތަރުގައި ތަމްރީނުތައް ހަދަމުންދާއިރު، ހުރިހާ ކުޅުންތެރިންގެ އަޒުމަކަށްވެސް ވެފައި އޮތީ ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން،" ގައުމީވަންތަ ވާހަކަކޮޅުގައި ބައްސާމް ފާހަގަކުރެއްވިއެވެ.

އޮކްޓޯބަރު އެއްވަނަ ދުވަހަށް ގިނަ ދުވަސްތަކެއް ނެތް ނަމަވެސް ދެން އޮތީ ފުޓުބޯޅައިގެ ދުވަސްތަކެކެވެ. ސާފް ޗެމްޕިއަންޝިޕަކީ ގައުމުގެ ހާލަތު ބަދަލުކޮށް، ގައުމީ ރޫހު ކައްކުވާލާނެ މުބާރާތަކަށް ހެދުމަށް ރޭ ފެށި ފެށުމަށް ގިނަ ބައެއްގެ ތައުރީފު ދަނީ އަމާޒުވަމުންނެވެ. ގައުމީ ޖޯޝު ނަގަހައްޓަން ދަނޑުތަކަށް ސަޕޯޓަރުން ވައްދަން އެފްއޭއެމްއިން ނިންމާފައިވެއެވެ. ދެވަނަ ޑޯޒް ޖަހައިގެން ދަނޑަށް ވަދެ، ގައުމީ ޓީމުގެ "ތިންވަނަ ފަހަރަކަށް" މިފަހަރު ހަދަން ރައްޔިތުން ތައްޔާރުވާންވީއެވެ.