ޚަބަރު

އަލީ ވަހީދު ރައީސް ޔާމީން ފަޅިއަށް؟ ވިދާޅުވަނީ ޔާމީން މިނިވަން ކުރާން ޖެހޭ ކަމަށް

އައިޝަތު ނިއުޝާ

ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާ ގުޅުވައި ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

"ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާ ގުޅުވައި ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަހުގީގުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާ ހެދި. ރައީސް ޔާމީން މިނިވަން ކުރަންޖެހޭ." އަލީ ވަހީދުގެ ޓްވީޓް ގައި ވެއެވެ.

ޓުވީޓާ މެދުވެރިކޮށް އަލީ ވަހީދު މިއަދު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައިގައި މިއަދު ކުރިއަށްދާ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށާއި، މިހާރު ތަންފީޒު ކުރަމުން އަންނަ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.

މަނީލޯންޑާ ކުރުމުގެ ކުށުން ބަރީއަ ވުމަށް ޓަކައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އޭރުގެ ރައީސް މުއައްވިޒް ރަޝީދާ ބައްދަލު ނުވާކަން ޝަރީއަތަށް ސާބިތު ކޮށްދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޕޮއިންޓްމެންޓް ލޮގްތަކަށް އެދުމުން ރައީސް އޮފީހުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް، އެ މައްސަލައިގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވަނީ އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިހާރު ކުރިއަށްދާ އިސްތިއުނާފީ އަޑު އެހުމުގައި ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވެފައެވެ.