ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށާއި، މިހާރު ތަންފީޒު ކުރަމުންގެންދާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅައިފި އެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސްމިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރު ދުވަހަށް ޖަލަށް ލާން ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރި މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުގައި އެ މައްސަލަ ފައްޓަވަމުން، ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ އިތުރު ދެ މައްސަލައެއް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި އިސްތިނާފު ފޯމުގެ އިތުރުން ހުށަހަޅާފައިވާ ފުރަތަަމަ ހުށަހެޅުމަކީ އިސްތިއުނާފު ކުރި ފަރާތް ކަމަށްވާ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށށަހަޅާފައިވާ ހުށަހެޅުމަކާއި، މި މައްސަލައިގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކޮށްދިނުން ފަސް ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ.

އެހެންކަމުން މިއަދު ފުރަތަމަ ފަށާފައިވަނީ، ކަފާލާތުގެ ދަށުން ދޫކޮށްލައި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދި ހުށަހެޅި މައްސަލައެވެ.

ނަމަވެސް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ކަފާލާތާއި ހުކުމް ތަންފީޒުކޮށް ދިިނުން ފަސްކުރުމާ ބެހޭގޮތުން ދައުލަތުގެ ޖަވާބު އެބޭފުޅުންނަށް ލިބިވަޑައިގަތީ އިއްޔެ ކަމަށްވާތީ އެއަށް ރައްދު ދޭން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އެކަމަށް ކިހާ ދުވަހެއް ބޭނުންވޭތޯ، ފަނޑިޔާރު ވިދާޅުވުމުން، ދެ ދުވަހުގެ ވަގުތެއް ބޭނުންވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

އެހެންކަމުން އެކަމަށް ދެ ދުވަސް ދެއްވުމަށްފަހު، އިސްތިއުނާފް ނުކުތާތަކާ ބެހޭބައިގެ އަޑުއެހުންތައް މިއަދު ކުރިއަށް ގެންދަން ފެއްޓެވިއެވެ.

ކަފާލާތުގެ ދަށުން ދޫކޮށްދި ނުމަށާއި، ހުކުމް ފަސްކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތުން، މީގެ ކުރިން ހައިކޯޓަށް ވެސް ހުށަހެޅިއެވެ.

ނަމަވެސް ކަފާލާތުގެ ދަށުން ދޫ ނުކުރުމަށާއި، ހުކުމް ތަންޒީފު ކުރުން ފަސް ނުކުރުމަށް ހައެއް ފެބްރުއަރީ 2020 ގައި ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.