ޔޫއެފާ ޗެމްޕިއަންސް ލީގު

ބާސާއާއި ރެއާލް އަދި ޔުވެންޓަސް، ޗެމްޕިއަންސް ލީގުން ވަކިވިޔަސް މައްސަލައެއް ނެތް: ސެފެރިން

ޔޫއެފާގެ ބޭރުން ގެންނަން އުޅުނު ޔޫރޮޕިއަން ސުޕަ ލީގުގެ ވިސްނުމުގައި އަދިވެސް ތިބި ރެއާލް މެޑްރިޑް، ބާސެލޯނާ އަދި ޔުވެންޓަސްއިން ޝަރަފުވެރި ޗެމްޕިއަންސް ލީގު ދޫކޮށްލި ނަމަވެސް ޝަކުވާއެއް ނެތް ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑާ ސެފެރިން ވިދާޅުވެއްޖެއެވެ.

ޖުމުލަ 12 ޓީމަކާއެކު ސުޕަ ލީގު އިއުލާން ކުރި ނަމަވެސް އެޓީމުތަކުގެ ތެރެއިން ނުވަ ޓީމަކުން މިހާރު ވަނީ އަމިއްލައަށް ލީގުން ބޭރުވެފައެވެ. ލީގުން ބޭރުވާން ޖެހުނު އެންމެ ބޮޑު ސަބަބަކަށްވީ ކްލަބުތަކުގެ ވެރިން ނިންމި ނިންމުމާ ދެކޮޅަށް ކްލަބުތަކުގެ އިހުލާސްތެރި ސަޕޯޓަރުން ކުރަމުން ދިޔަ މުޒާހަރާތަކެވެ. މެޗުތައް ކުޅުމަށްވެސް އެ ކްލަބުތަކަށް އުނދަގޫތައް ކުރިމަތިކުރުވާފައިވާ އިރު، ސުޕަ ލީގު ފަދަ ފައިސާގެ ބޮޑު ރޯޅިއެއްގައި ފުޓުބޯޅަ ޖެހެން ނޭދޭ ކަމަށް ކުޅުންތެރިންނާއި ކޯޗުން އަދި ލެޖެންޑުންވެސް ވަނީ ފާހަގަކޮށްފައެވެ.

ޔޫއެފާގެ ވެސް ބޮޑު ޕްރެޝަރަކާއެކު ނުވަ ކްލަބުން ނަން ނެގި ނަމަވެސް އެ ކްލަބުތަކަށްވެސް ޔޫއެފާއިން ވަނީ އަދަބު ދޭނެ ކަމަށް ނިންމައިފައެވެ. އެގޮތުން ސުޕަ ލީގުން ވަކިވި މި ޓީމުތަކުން 15 މިލިއަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑު ކުރަން އެންގުމާއި، އެއް ސީޒަން ވަންދެން މި ކްލަބުތަކަށް ލިބޭ ފައިސާގެ ފަސް ޕަސެންޓް ޔޫއެފާއަށް ނެގުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ސުޕަ ލީގު ފަދަ ޔޫއެފާގެ އުސޫލާ ހިލާފު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ 100 މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި، ޔުއެފާގެ އެނޫންވެސް އެހެން ކޮންމެ އުސޫލަކާ ހިލާފުވެއްޖެނަމަ އެ ކްލަބެއް 50 މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް ދެއްކުން އަދަބުތަކުގައި ހިމެނެއެވެ. މި ކަންތައްތަކަށް ރަސްމީކޮށް ކްލަބުތަކުން އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެއެވެ.

ތިން ކްލަބަކުން އަދިވެސް ސުޕަ ލީގުގެ ވިސްނުމުގައި ތިބި އިރު، ޔޫއެފާގެ ރައީސް ފާހަގަކުރައްވާފައިވަނީ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވެ، އެ ލީގުގައި ކުޅެމުން އެހެން ލީގެއް ހެދުމަށް އެ ތިން ކްލަބުން ކުރާ މަސައްކަތް ތާކުންތާކު ނުޖެހޭ ކަމަށެވެ. އަދި އެއީ ޖޯކެއް ކަމަށް ސިފަކޮށް ސެފެރިން ބުނެފައި ވަނީ ޔުވެންޓަސްއާއި ބާސެލޯނާ އަދި ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުން ވަކިވި ނަމަވެސް އެކަމާ ޝަކުވާއެއް ނެތް ކަމަށެވެ.

"ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވެ، ޗެމްޕިއަންސް ލީގުގައި ތިބެ، އެހެން ލީގެއް ހަދަން އުޅުމަކީ ޖޯކެއް. އަހަންނަށް މައްސަލައެއް ނެތް އެ ތިން ކްލަބުން ޗެމްޕިއަންސް ލީގު ދޫކޮށްލިޔަސް. ތިން ކްލަބުގެ ވެރިންވެގެން މަސައްކަތް ކުރީ ފުޓުބޯޅަ މަރާލަން. އެކަމެއް ނުވާނެ،" ސެފެރިން ވިދާޅުވިއެވެ.

ސެފެރިންގެ އިންޓަވިއުގައި ރެއާލަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ. އެގޮތުން ސެފެރިން ވިދާޅުވީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް، އޭނާގެ ގާތަށް ގޮސް ވިދާޅުވީ ސުޕަ ލީގާ ނުލައި ރެއާލް "ސަވައިވް" ނުވާނެ ކަމަށް ކަމަށެވެ. އެހެންނަމަވެސް ދެން އަނެއް ދުވަހު ފެނުނީ 180 މިލިއަން ޔޫރޯ ދީފައި ޕީއެސްޖީގެ ކިލިއަން އެމްބާޕޭ ގެންދަން އުޅުތަން ކަމަށް ސެފެރިން ވިދާޅުވިއެވެ.

ސެފެރިން އިތުރަށް ވިދާޅުވީ ސުޕަ ލީގާއެކު ފުޓުބޯޅަ ހައިޖެކް ކުރަން އޭނާއަށް އިންޒާރުތައްވެސް ދީފައިވާ ކަމަށެވެ.