އަލީ ޔާމީން އަދި ޔޫސުފް ސޮފްވާން
މި ރިޕޯޓަކީ "ވަން" ގެ ނޫސްވެރީން ދެ ދުވަސް ވާންދެން ހިޔާ ފުލެޓުތަކުގައްޔާއި ޓަވަރުތަކުގެ ތިރީގައި އެތައް ވަގުތުތަކެއް ހޭދަކޮށް މީހުންގެ މޫވެމެންޓްސް ދިރާސާ ކޮށް، ތަޖުރިބާ ކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ވަކީން ހާއްސަކޮށް އިރު އޮއްސޭ ވަގުތުން ފެށިގެން ދަންވަރާއި ހަމަޔަށް ހިނގާ ހަރަކާތްތައް މޮނީޓާކޮށް ދިރާސާ ކޮށްފައި ވާނެ އެވެ. ދުވާލު ވެސް މީހުން މަދުވާ އެކި ވަގުތުތަކުގައި ފުލެޓު ތަކާއި ޓަވަރުތަކުގެ ތިރީގައި އޮންނަ ސަރަހައްދު ތަކުގެ މޫވްމެންޓްސް ވަން ގެ ޓީމުން ވަނީ ބަލައިފަ އެވެ.
************
ފަންސަވީސް ބުރީގެ އުސް ޓަވަރުތަކުން ލިބޭ ފަނޑު އަލިކަން ފިޔަވައި އިތުރު އެއްވެސް އަލިކަމެއް މި ސަރަހައްދަކު ނެތެވެ. ވަށައިގެން ފެންނާން ހުރީ ހަދަމުން އަންނަ އުސް އިމާރާތްތަކެވެ. ހިޔާ ފުލެޓުތައް ހިމެނޭ ޓަވަރުތަކާ ހަމައަށް ދެވޭން އޮންނަ ދެ މަގަށް ވެސް ފެތުރިފައި އޮތީ އަނދިރިކަމެވެ. ހިތިގަސްމަގާވީ ކޮޅުން، ޓަވަރުތައް ހުރި ސަރަހައްދަށް ދެވޭން އޮތް މަގުގައި އެއްވެސް ވަރަކަށް އަލިކަމެއް ނެތެވެ. މަގު ބައްތިތައް ކޮންމެވެސް ވަރަކަށް ހަރުކޮށްފައި ހުއްޓަސް، އިމާރާތްތަކުން ފޭދިގެން އަންނަ އައްޔާއި ވެހިކަލްތަކުން އަންނަ ވަގުތީ އަލި ފިޔަވައި އެހެން އަލިކަމެއް ނެތެވެ. ނިރޮޅުމަގާވީ ކޮޅުން ޓަވަރުތަކާ ދިމާއަށް ދާން އޮތް މަގުގެ މެދެއްހައި ހިސާބަށް އަލިކަން ހުރި ނަމަވެސް ބާކީ އޮތް ބައިގައި އޮތީ ކަނު އަނދިރިކަމެވެ. ވަށައިގެން ހުރި ގަސްތަކާއި ހަދަމުން އަންނަ އެހެން އިމާރާތްތަކުގެ ސަބަބުން މި ސަރަހައްދުގެ އަނދިރިކަން ބޮޑުވެފައިވެ އެވެ. މި ތަނުގައި މި އޮތީ ވަގުންނަށް ފަހި މާހައުލެކެވެ.
ފްލެޓުތައް ލިބުނު މީހުން ހޭބޯނާރައި އުޅެމުން އަންނަތަން ފެންނަނީ އެ ތަންތަނުގެ "ފިނިޝިން" މަސައްކަތުގަ އެވެ. މުށި ޖެހުމާއި ލައިޓުތައް ހަރުކުރުމާއި ފަރުނީޗަރު ވެއްދުމާއި އެނޫންވެސް ކަންކަމުގައި އެތައް ސަތޭކަ ބަޔަކު މި ޓަވަރުތަކުގެ ކޮންމެ ބުރިއެއްގައި 24 ގަޑިއިރު ކަހަލަ ގޮތަށް މަސައްކަތް ކުރަމުން އެބަދެ އެވެ.
ފަންސަވީސް ބުރީގެ އުސް މި ޓަވަރު ތަކަށް އަރަން ހުރީ އެންމެ ތިން ލިފްޓެވެ. އެކި ބުރިތަކަށް މަޑުކުރަމުން މައްޗަށް އަރާއިރު، އެންމެ މައްޗާއި ހަމައަށް އަރާ މީހާ ލިފްޓުގެ ތެރޭގައި ވިހި ފަންސަވީސް މިނެޓު ހޭދަކުރާން ޖެހޭ ފަހަރު މަދެއް ނޫނެވެ. މި ފުލެޓުތަކަށް އަވަހަށް ވަނުމަށް މަސައްކަތް ނިންމުމަށް ޓަކައި، ޓަވަރު ތަކުގެ ތިރީ ބިންމަތީގައްޔާއި އެކި ބުރިތަކުގައި ފުނިފުންޏަށް މުދާ ޖަހާފައި ހުރި އިރު، "އެގަހުކޭލެއް މިގަހުކޭލެއް" ވަތްކެއް ނުވެ އެވެ. މިލިއަނުން ގުނޭހައި އަގު ބޮޑު އެ މުދާތަކަށް ރައްކާތެރި މާހައުލެއް މިއިން އެއްވެސް ތަނެއްގައި ފެންނާކަށް ނެތެވެ. ސެކިއުރިޓީ ގާޑެއް ނުވަތަ ސެކިއުރިޓީ ކެމެރާގަނޑެއްހައި ހިސާބުވެސް ފެންނާކަށް ނެތެވެ. މަސައްކަތްތައް ކުރިއަށްދާ އެޕާޓްމަންޓްތައް ފިޔަވައި އެހެން އެޕާޓުމެންޓްތަކުގައި އަލިކަމެއް ނުހުރެ އެވެ. ބައެއް ބުރިތަކުގައި ބޮޑު ސަރަހައްދަކަށް ދާންދެން ފެތުރިފައި އޮންނަނީ ނާމާން ވަރެއްގެ އަނދިރިކަމެކެވެ. ކޮންމެ ޓަވަރެއްގެ ތިރީގައި އެޗްޑީސީގެ މުވައްޒަފަކު ހުރެ އެވެ. އެކަމަކު މި ތަނުގައި އެކި ވަގުތު ތަކަށް ބަހައިގެން ކުރި މަސައްކަތުން އެނގުނީ މި މީހުން ވެސް ނުތިބޭ ކިތަންމެ ވަގުތެއް ދާ ކަމެވެ.
މި ތަނުގެ މާހައުލު ފެންނަ ގޮތަށް ބަލާއިރު، މި ސަރަހައްދަށް ކޮންމެ ދުވަހަކު މި ގެންނަ އެތައް މިލިއަން ރުފިޔާއެއްގެ މުދާ ބެލެހެއްޓޭނެ އެއްވެސް ގޮތެއް ނެތެވެ. ތިރީގައި އެއްޗެސް ބާއްވައިލައިފައި މައްޗަށް އަރައި ދެން ހުރި އެއްޗެއް ހިފައިގެން އަރާ އިރު ވެސް އެ އެއްޗެއް އޮންނާނެ ކަމުގެ ޔަގީންކަމެއް ނޯވެ އެވެ. މިހާރުގެ ހާލަތަށް ބަލާއިރު މިތަނުން ކިތަންމެ ބޮޑު ވައްކަމެއް ކުރިޔަސް އެކަން ފަސޭހައިން އެނގޭނެ ގޮތެއް ނެތެވެ. ބިންމަތީގައި ނުވަތަ ޓަވަރެއްގެ ބުރިއެއްގައި ހުންނަ މުދަލެއް ވަގަށް ނަގައިގެން ގެންދިޔަސް އެނގޭނެ ގޮތެއްވެސް ނެތެވެ.
މި ފްލެޓުތަކުގެ "ފިނިޝިން" މަސައްކަތްތަކުގައި އެތައް ސަތޭކަ ބަޔަކު އުޅެމުން އަންނައިރު، ވަގުންގެ "ކަޅިތައް" މިހާރު ހުއްޓިފައި ހުރީ މި ތަންތަނަށެވެ. ވަގުންގެ ގުރޫޕުތައް އަދި ވަކި ވަކި ވަގުން ވެސް މި މުޅި ސަރަހައްދުގައި ރެޔާއި ދުވާލު ލޯ އަޅަމުން ހިނގާ ކަމަށް "ވަން" އަށް މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވެ އެވެ. ވަގުންގެ ވިސްނުމަކީ ކުދިކުދި އެތިކޮޅުކޮޅުން ވައްކަން ކުރުމުގެ ބަދަލުގައި، ފުލެޓުވެރީން މި ތަނުގެ ފިނިޝިން އަށް ވައްދާ އަގުބޮޑު މުދާތައް ވަގަށް ނެގުމެވެ.
ވައްކަމުގެ ގިނަ މައްސަލަތަކެއް މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ވެސް ވަނީ ފެންމަތި ވެފަ އެވެ. ފުލެޓް ލިބުނު މީހަކު، އެތަނުގެ ފިނިޝިން މަސައްކަތް ނިންމަން ގަތް 33،000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތިވެސް މިފަހުން ވަނީ ވަގަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި 130 ގަނޑު ތަށިމުށްޓާއި 30 ކޮތަޅު ސިމެންތި އާއި ދެ ފާހާނާގައި ހަރުކުރަން ގެނައި ހަތަރު ދޮރު އަދި މި ނޫންވެސް ބައެއް ސާމާނު ހިމެނެ އެވެ. އެތަކެތި ވަގަށް ނަގާފައިވަނީ އިމާރާތުގެ ތިރީގައި ބަހައްޓާފައި ސައިބޯން ދިޔަ ވަގުތު ބަލައިފަ އެވެ. އެ މީހާގެ ހަތަރު މަހުގެ މުސާރައަށް ގަތް ހުރިހާ ތަކެއްޗެއް ގެއްލުނީ އެވެ. މައްސަަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ވަގުކަލޭގެ އަދިވެސް ހޯދިފައެއް ނުވެއެވެ.
ހިޔާ ފުލެޓުވެރިޔަކު "ވަން" އަށް ބުނި ގޮތުގައި، މި ފްލެޓު ތަކަކީ ގެންގުޅޭ ތަކެތި ބަހައްޓާފައި ދުރަށް ދާން އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫނެވެ. އެއީ މި ތަނުގައި ކެމެރާއެއް ނެތިފައި ކޮންމެ ބުރިއެއްގައިވެސް އެތައް ސަތޭކަ ބަޔަކު މަސައްކަތް ކުރަމުން އަންނާތީ އެވެ. މިތަނުގެ ކަންކަން ހުރި ގޮތުން އެއް ބުރީން އަނެއް ބުރިއަށް ވަގަށް ތަކެތި ގެންދިއުމަކީ ވަރަށް ވެސް ފަސޭހަ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"މިތަން މި އޮންނަނީ އެއްްވެސް ވަރަކަށް ރައްކާތެރި ގޮތަކަށް ނޫން. އެމީހެއްގެ އެޕާޓްމެންޓެއްގެ ތެރެއަށް ގެންގުޅޭ ސާމާނު ނުލައިފި ނަމަ އެއްވެސް ރައްކަލެއް ނެތް. ފަސޭހައަކަށް ބޭރުގައި ބަހައްޓާ އެއްޗެހި އެބަ ގެއްލޭ. ބޭބެ ބޭއްވި ގްރޭންޑަރެއްވެސް ގެއްލިގެން މިއުޅެނީ. މިފަދަ އެތައް ކަމެއް އެތައް ބަޔަކަށް ކުރިމަތިވާނެ. ކެމެރާއެއް ހުރީކީ ނޫން. ބަލަހައްޓާނެ މީހަކު ހުރީކީ ނޫން. އެމީހަކާ އެމީހެއް. ވަގުން ދެން ކިހާ ފޯރިއެއް ހުންނާނެ" އޭނާ ބުންޏެވެ.
ކިތަންމެ މޮޅަށް ކަންކަން ހުއްޓަސް ވަގުން ވައްކަން ކުރާނެ އެވެ. އެއީ އެހެން މައްސަލަ އެކެވެ. މި ތަނުގައި ކަންކަން މިހުރީ ވަގުންނަށް ފުރުސަތު ތައް ފަހިކޮށްދޭ ގޮތަށެވެ. އެއީ ސީރިއަސް މައްސަލަ އެކެވެ. ކައިރީގައި "ބޮނދައި" ތިބެވޭނެ އެތައް ތަނެއް މި ސަރަހައްދުން ފެންނާން އެބަހުއްޓެވެ. އެންމެ ކުޑަމިނުން ސެކިއުރިޓީ ކެމެރާއެއް މުޅި މި ސަރަހައްދުންވެސް ފެންނާން ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.
މިއީ ހަމައެކަނި ޓަވަރުތަކުގެ ބޭރުގެ ހާލަތެވެ. އެތެރެ އަދި އޮތީއެވެ. ލިފްޓުގައި ގިނައިރު ވުމާއި އަލިކަން ފަނޑުވުމަކީވެސް ވަގުންގެ ސަމާލުކަން ދަމައިގަންނަ ކަންކަމެވެ. އެޕާޓްމެންޓްތަކުގައި ހަރުކޮށްފައި ހުރި ކުޑަދޮރުތަކަކީވެސް އެންމެ ރައްކާތެރި ދޮރުތަކެއް ނޫނެވެ. ކަހާ ދޮރުފަތް ހަރުކޮށްފައި ހުރިއިރު ކިރިޔާވެސް އެއްޗަކުން މަތާލައިފި ނަމަ އުނދަގުލަކާ ނުލައި ދޮރުގެ މަކުޑި ނެއްޓިގެންދެއެވެ.
ބޮޑު ސިންގާ ވަކި ޝަހަރެއް ގޮތަށް، އެތައް ހާސް ބަޔަކު ވަކި ސަރަހައްދެއްގައި އާބާދުކުރުމަށް ޑިޒައިން ކޮށްގެން ހެދޭ މިފަދަ ބޮޑެތި ތަންތަނުގައި ވަކި ޝަރުތުތަކެއް ފުރިހަމަ ކުރުމަކީ ދުނިޔޭގެ ހުރިހައި ތަނެއްގައި ވެސް ކަން ކުރާ ގޮތެވެ. އެކަން ކުރުމުގައި ފުރިހަމަކުރާ އަސާސީ ޗެކު ލިސްޓެއް އޮވެ އެވެ. އެ ލިސްޓުގެ އެންމެ ކުރީން ޖާގަ ލިބޭ ކަންކަމުގައި ތެރޭގައި، ދިރިއުޅޭ މާހައުލުގެ ވައި ސާފު ކަން ކަށަވަރު ކުރުމާއި ހުރިހާ އިރެއްގައި ވެސް ހެޔޮވަރު މިންވަރަށް އަލި ލިބުމާއި މުޅި ކުށުގެ ވެއްޓަށް ޖާގަ ނުލިބޭނެ ގޮތަށް މާހައުލުގެ ޑިޒައިން ކުރުމާއި، މީހުންގެ ޕްރައިވެޓް ލައިފް އިން ބޭރުގައި ހިމެނޭ، މީހުން އާންމުކޮށް އުޅޭ އަދި ޖަމާވާ އާންމު ސަރަހައްދު އެއްކޮށް ކަވަރު ކުރެވޭނެ ގޮތަށް ސެކިއުރިޓީ ކެމެރާ ހުރުމާއި އެކު ސެކިއުރިޓީ ގާޑުން ތިބުން ފަދަ ކަންކަން ހިމެނެ އެވެ. ހަމަ އެހެންމެ އަސާސީ ހިދުމަތްތައް ކަމަށްވާ ފެނާއި ކަރަންޓު މެދުނުކެނޑި ލިބުމާއި ތައުލީމާއި ސިއްހަތު އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ އެންމެ މުހިންމު ކަންކަމެވެ.
ހިޔާ ފްލެޓެއްގެ ފިނިޝިން މަސައްކަތް ކުރަމުން އަންނަ މީހަކު "ވަން" އަށް ބުނި ގޮތުގައި ވަގުންގެ ކިބައިން ސަލާމަތް ވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް ވެސް އެމީހެއްގެ މުދަލާއި ގެންނަ ތަކެއްޗާ މެދު ފަރުވާތެރި ވުމެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށްވެސް އެތަކެތި ލޯމަތީން ގެއްލޭ ހިސާބަކަށް ނުގޮސް ބެލެހެއްޓުމެވެ. ދުރު ތާކަށް ދާން ޖެހޭ ނަމަ އެޕާޓްމެންޓަށް ލައި ތަޅުލާފައި ދިއުމެވެ. އެއީ އެޕާޓްމެންޓެއްގެ ދޮރު ފަޅާލައިގެން ނޫނީ ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަމެއް ކުރަން "ވަގުތު" ކޮޅެއްވެސް ނަގާނެތީ އެވެ. ފުރިހަމަ ރައްކާތެރިކަން ނުލިބުނަސް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް އޭރުން ލިބޭނެތީއެވެ.
ދެން އޮތީ ފުލުހުންނާއި ސެކިއުރިޓީ ކެމެރާގެ ވާހަކައެވެ. ވަކި ޒޯނެއްގެ ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވައި ކަނޑައަޅައި ސަލާމަތީ ކަންކަން ބަލަހައްޓަމުން އަންނަ ކަމުގައި ފުލުހުން ބުނެއެވެ. ނަމަވެސް ބައިލައްކައެއްހާ މީހުން ބަދަލު ވުމަށް މަސައްކަތް ކުރަމުން އަންނަ ޝަހަރެއްގައި އެންމެ ކެމެރާއެއްހައި ހިސާބުވެސް ފެންނާކަށް ނެތެވެ. މިހާރު މިތަން މި އޮތީ ހުރިހާ ވައްތަރެއްގެ ކުށަށް ޖާގަ ދޭ، މަރުކަޒަކަށް ވެފަ އެވެ. މަސްތުވާ ތަކެއްޗާއި ވައްކަމާއި އެ ނޫންވެސް އެކި ކަހަލަ ޖިނާއި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ދޭ ހާއްޔަކަށް ވެފަ އެވެ. އެހެން ކަމުން ދެން ހުރި ކަންކަން ހައްލު ވުމާއި ހަމަޔަށް ވެސް މި މުޅި ސަރަހައްދު ބެލެހެއްޓޭނެ ވަރުގަދަ ސެއުރިޓީ ނިޒާމެއް ދައުލަތުގެ ފަރާތުން ގާއިމު ކުރާން އެބަ ޖެހެ އެވެ.