ކުޅިވަރު

އާޖެންޓީނާ ބްރެޒިލް މެޗު: ފުލުހުންނާއި ސިއްހީ އިދާރާއިން ދަނޑަށް އަރައި މެޗު ހުއްޓުވައިފި

މުޙައްމަދު ޝަމްޢޫން

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗު ފެށިތާ ފަސް މިނިޓް ތެރޭ ބްރެޒިލްގެ ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އަރައި މެޗު ހުއްޓުވައިފިއެވެ.

ބްރެޒިލްގެ ސިއްހީ އޮފިޝަލުން ފުލުހުންނާ އެކު ދަނޑަށް އަރާފައި ވަނީ އާޖެންޓީނާ ޓީމުގައި ތިބި އިނގިރޭސި ލީގަށް ކުޅޭ ހަތަރު ކުޅުންތެރިން ބްރެޒިލްގެ ކޮވިޑް 19 އުސޫލުތަކާ ހިލާފު ވެފައިވާ ކަމަށް ބުނެއެވެ. ބްރެޒިލްގެ ކަރަންޓީނު އުސޫލާ ހިލާފު ވެފައިވާ ކުޅުންތެރިންތަކެއް މެޗުގެ ފުރަތަމަ 11 ގައި ހިމެނޭ ކަމަށް ބުނެ އޮފިޝަލުން ދަނޑަށް އެރުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އިދާރާތަކުން ބުނެފައި ވަނީ އިންގްލެންޑަކީ ބްރެޒިލްގެ ރެޑް ލިސްޓް ގައުމެއް ކަމަށާއި، އިނގިރޭސި ޕްރިމިއާ ލީގު ކްލަބްތަކުގައި ކުޅޭ އާޖެންޓީނާގެ ކުޅުންތެރިން މެޗަށް އަރާ ނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

ރޭގެ މެޗަށް އާޖެންޓީނާ އިން ނެރުނު ފުރަތަމަ އެގާރައިގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ޓޮޓެންހަމްގެ ޖިއޮވާނީ ލޮ ސެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ހިމެނެ އެވެ. ބެންޗުގައި އެސްޓަން ވިލާ އަށް ކުޅޭ އެމީ ބުއެންޑީއާ ވެސް ހިމަނާފައިވެ އެވެ.

އިންގްލެންޑުން އާޖެންޓީނާ ސްކޮޑަށް ދިޔަ ކުޅުންތެރިން އިންގްލެންޑް ދޫކުރިތާ 14 ދުވަސް ނުވާތީ ބްރެޒިލްގެ ސިއްހީ އޮފިޝަލުން ނިންމާފައި ވަނީ އެ ކުޅުންތެރިން ބްރެޒިލްގެ ސިއްހީ ޕްރޮޓޮކޯލާ ހިލާފު ވެފައިވާ ކަމަށެވެ. އެ މައްސަލަ ކުރިންވެސް ކޮންމެވެސް ވަރަކަށް ބަލާފައިވާއިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި އިދާރާތަކުން ވަނީ އާޖެންޓީނާގެ ހޮޓަލަށް ވެސް ގޮސްފައެވެ. އެހެންނަމަވެސް އޭރު ނުކުޅެވޭނެ ވާހަކަ ނުބުނާ ކަމަށް ރޭގެ މެޗުގައި ކަން ހިނގައި ދިޔަ ގޮތުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފައިވެ އެވެ.

މެސީ އާއި ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ މެޗު ކުރިއަށްގެންދެވޭތޯ އޮފިޝަލުންނާ މަޝްވަރާ ކޮށްފަ އެވެ. އެ މަޝްވަރާތަކުން ވެސް ކުރި އެރުމެއް ނުލިބި، ބްރެޒިލްގެ ކުޅުންތެރިންނާއި މެސީއާ ވާހަކަ ދައްކައި، ދެ ކޯޗުން ވާހަކަ ދައްކައިގެންވެސް މެޗު ކުރިއަށް ގެންދެވޭނެ ގޮތެއް ނުވިއެވެ. މެޗު ނުކުޅެވުމުން ބްރެޒިލް ޓީމުން ވަނީ ދަނޑުގައި ތަމްރީނު ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އިންގްލެންޑުން ކަނޑައަޅާފައިވާ އުސޫލޫގެ ރެޑް ލިސްޓުގައި ބްރެޒިލް ހިމެނޭތީ ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލަށް ނިސްބަތްވާ ކުޅުންތެރިންގެ ކްލަބްތަކުން އެ ކުޅުންތެރިން ގައުމީ ޓީމަށް ރިލީސް ނުކުރެ އެވެ. އެހެންވެ، ބްރެޒިލް ޓީމުގައި އާންމުކޮށް ހިމެނޭ ނުވަ ވަރަކަށް ކުޅުންތެރިން މި ވަގުތު ތިބީ އިންގްލެންޑްގަ އެވެ.

ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މެޗުގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭ ގޮތުން މެޗު ކޮމިޝަނަރާއި ރެފްރީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ރިޕޯޓެއް ހުށަހަޅާނެ ކަމަށާއި ދެން ކުރިއަށްދާނެ ގޮތެއް އެ ކޮމިޓީން ކަނޑައަޅާނެ ކަމަށެވެ. މެޗު ފަހުގެ ތާރީހަކަށް ފަސްކުރިކަން ފީފާއިން ޔަގީން ކޮށްދީފައިވާއިރު، މެޗު ދެން ކުޅޭނެ އިރެއް ރަސްމީ އިދާރާއަކުން އަދި އިއުލާނެއް ނުކުރެއެވެ.