ވޯލްޑް ކަޕް ކޮލިފައިންގައި ސްވިޒަލެންޑާ ދެކޮޅަށް އިޓަލީން ކުޅުނު މެޗު އެއްވަރުކޮށް، ޔޫރަޕްގެ ޗެމްޕިއަން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.
ޒިއުރިޗްގައި ކުޅުނު މެޗު 0-0 އިން އެއްވަރު ވެފައިވާއިރު، އިޓަލީން މުގުރާލި ދުނިޔޭގެ ރެކޯޑަކީ ބަލި ނުވެ ވާދަވެރި އެންމެ ގިނަ މެޗު ހަމަކުރުމުގެ ރެކޯޑެވެ.
މީގެ ކުރިން ދެ ގައުމަކުން ބަލި ނުވެ 35 މެޗު ހަމަކޮށްފައިވާއިރު، ސްޕެއިނުން ބަލި ނުވެ 35 މެޗު ހަމަކުރީ 2007 އިން 2009 އަށެވެ. ބްރެޒިލުން ބަލިނުވެ 35 މެޗު ފުރިހަމަކުރީ 1993-1996 އަށެވެ. ބްރެޒިލުން ވެސް ބަލިނުވެ 36 މެޗު ހަމަކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އިތުރުވާ މެޗަކީ ނުރަސްމީ ހައިސިއްޔަތަކުން ކުޅުނު އެކުވެރިކަމުގެ މެޗެއް ކަމަށް އެހެން ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އިޓަލީ އަށް 2018 ވަނަ އަަހަރުގެ ވޯލްޑް ކަޕުން ޖާގަ ނުލިބި މާޔޫސް ކަމާ ކުރިމަތިވެފައިވެ އެވެ. އޭގެ ފަހުން ޓީމަށް ބަދަލުތަކެއް ގެނެސް، އެޓީމުން ވަނީ ކާމިޔާބު ޖީލެއް ބިނާ ކޮށްފަ އެވެ. އެ ޓީމު އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރު ފަހުކޮޅު އެވެ. އިޓަލީން ބޮޑު ރެކޯޑެއް ގާއިމު ކުރިއިރު، ބަލި ނުވެ ދިޔަ މި މުއްދަތުގެ ތެރޭގައި އިޓަލީއާއެކު ކޯޗު މަންޗީނީ ވަނީ ތަފާތު ނަތީޖާތައް ނެރެފަ އެވެ. ހާއްސަކޮށް އެންމެފަހުން ހޫނު މޫސުމުގެ ޔޫރޯ ކާމިޔާބު ކުރުމުގައި އިޓަލީ ދެއްކި ތަފާތު ކުޅުން ފާހަގަކޮށްލެވެ އެވެ.
ރެކޯޑު މުގުރާލި މެޗުން މޮޅުވާން އިޓަލީން ސްވިޒަލެންޑް ކައިރީ ގިނަ މަސައްކަތްތަކެއް ކުރިއެވެ. ޔޫރަޕްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މިޑްފީލްޑަރު ޖޯޖީނިއޯ ޖެހި ޕެނަލްޓީ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ މަތަކޮށްފައި ވާއިރު، ޑޮމެނީކޯ ބެރާޑީ އާއި ލޮރެންޒޯ އިންސީނިއޭ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
ޖެހިޖެހިގެން ދެ މެޗު މޮޅެއް ނުލިބި ނިންމާލަން ޖެހުނު ނަމަވެސް އިޓަލީ އޮތީ ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ. ސްވިޒަލެންޑް ދެ ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.
ކޮލިފައިންގައި ރޭ ސްޕެއިން ކުޅުނު މެޗުން ވަނީ 4-0 އިން ޖޯޖިއާ ބަލިކޮށްފަ އެވެ. އެންމެ ފަހުން ކުޅުނު މެެޗުން ސްވިޑެން އަތުން ބަލިވުމުން ސްޕެއިން ރޭ ނުކުތީ މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅުމަށެވެ. ސްޕެއިންގެ ގޯލުތައް ޖެހީ ހޯސޭ ގާޔާ، ކާލޮސް ސޮލާ، ޕަބްލޯ ސަރާބިއާ އަދި ފެރާން ޓޮރޭޒް އެވެ. ސްޕެއިން އޮތީ ކޮލިފައިން ގްރޫޕް ބީގެ އެއް ވަނައިގަ އެވެ.
ހަންސީ ފްލިކްގެ ކޯޗުކަމުގައި ކުޅުނު މެޗުގައި ޖަރުމަނުން ވަނީ 6-0 އިން އާރްމީނިއާ ބަލިކޮށްފަ އެވެ. ޖަރުމަނުގެ ގޯލުތައް ޖެހީ ސާޖް ގްނަބްރީ އާއި ޓިމޯ ވާނާ، މާކޯ ރެއުސް، ޖޮނަސް ހޮފްމަން އަދި ޒުވާން ކުޅުންތެރިޔާ ކަރީމް އަޑޭމީ އެވެ. ގްނަބްރީ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
ބެލްޖިއަމުން 3-0 އިން ޗެކް ރިޕަބްލިކް ބަލިކުރިއިރު، ގޯލުތައް ކާމިޔާބުކުރީ ރޮމެލޫ ލުކާކޫ، އެޑެން ހަޒާޑް އަދި އަލެކްސިސް ސަލެމޭކާ އެެވެ. މި މެޗަކީ ލުކާކޫ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ. އޭނާ ވަނީ 100 މެޗުން ގައުމީ ޓީމަށް 67 ގޯލް ޖަހައިދީފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު