އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އަވަށްޓެރި އިންޑިއާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފާޑުކިޔުން އަމާޒުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
"އައްޑަނަ" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރާއްޖޭގެ ކަންކަން ރަނގަޅަށް ކުރިއަށް ދަނިކޮށް ގައުމުގެ ސުލްހަވެރިކަން ނަގާލައި، ރާއްޖެ އަޅުވެތިކުރަން ބޭނުންވާ ބަޔަކު އިންޑިއާއާ ގުޅިގެން ރާއްޖޭގެ ވެރިކަން ވަގަށް ނަގާފައިވާ ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެކި ނަންނަމުގައި އުޅޭ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަންޖެހޭ ކަމަށާއި ރާއްޖެއަށް އެމީހުންގެ ބޭނުމެއް ނުޖެހޭ ކަމަށެވެ. އަދި އެކި ނަންނަމުގައި ރާއްޖެ އަންނަ ބޭރުގެ މީހުންނާ މެދު ސަމާލުވާންޖެހޭ ކަމަށާއި އެއީ ރާއްޖެ އަޅުވެތި ކުރާނެ މީހުން ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް ކުޑައިމީސް ބަސްތަކުން ވާހަކަދެއްކުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ.
އަދި އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެންމެ އެހީތެރިވާ އެއް ގައުމު ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމަށްޓަކައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ގައުމަކީވެސް އިންޑިއާ ކަަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު