އެމްޑީޕީ އޮފީސްތެރޭގައި މާރާމާރީ ހިންގައި އަންހެނެއްގެ ބޯފަޅާލައިފި އެވެ.

ފުލުހުން ބުނީ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީހުގައި މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓު މިއަދު 12:30 ހާއިރު ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި އަންހެނަކަށް އަނިޔާ ވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ "ވަން" އަށް މިއަދު ވިދާޅުވީ މި މާރާމާރީ ހިންގާފައިވަނީ އެ އޮފީހުގައި މަސައްކަތް ކުރާ ތިން މީހެއްގެ މެދުގައި ކަމަށެވެ. އެގޮތުން އެ އޮފީހުގެ ސިޓީ ތަކާއި އެހެނިހެން ތަކެތި ހަވާލު ކުރުމުގައި އުޅޭ މީހަކު އެ އޮފީހުގެ އިސް މުވައްޒަފަކަށް ޗޭނު ގަނޑަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެތާނގައި އެ ވަގުތު ހުރި އެހެން މުވައްޒަފަކަށް ވެސް ހަމަލާދީފައިވާ ކަމަށް ވިދާޅުވި އެވެ.

އިމްތިޔާޒު ވިދާޅުވީ މީ އެއްވެސް ވަރަަކަށް އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އެހެން ކަމުން އެ ޕާޓީގެ ފަރާތުން މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޕާޓީ ތެރެއިންވެސް މި މައްސަލަ ބަލާނެ ކަމަށް ވިދާޅުވި އެވެ.

އުމުރުން 50 އަހަރުގެ މި އަންހެން މީހާ އަށް މިހާރު ފަރުވާދެމުން އަންނަ އިރު ޗޭނު ގަނޑުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ބޯ ފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ފައިބައިފައިވާ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.