ރެއާލް މެޑްރިޑުން ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ހޯދުމަށް ދުނިޔޭގެ ރެކޯޑު އަގެއް ޕީއެސްޖީއަށް ހުށަހެޅުމުންވެސް ޓްރާންސްފާ ކާމިޔާބެއް ނުވިއެވެ.
ޓްރާންސްފާގެ ފަހު ދުވަސް، "ޑެޑްލައިން ޑޭ" ވެސް ނިމެން ގަޑިއިރަކަށް ވެފައި ވަނިކޮށް، ރެއާލް އިން ވަނީ ފަހު ވަގުތު ޕީއެސްޖީން ހިތްހަމަޖެހޭނެ ވަރުގެ އަގެއް އެމްބާޕޭ ހޯދުމަށް ހުށަހަޅައިފައެވެ. ރޭގެ ބިޑަކީ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމްބާޕޭ ހޯދުމަށް ރެއާލްއިން ކުރި ތިންވަނަ ބިޑުވެސް މެއެވެ.
ރެއާލުން އެންމެ ފުރަތަމަ ކުރީ 188 މިިލިއަން ޑޮލަރުގެ ބިޑެކެވެ. އަދި ދެ ވަނަ އަށް ކުރީ 226 މިލިއަން ޑޮލަރުގެ ބިޑެކެވެ. އެ ދެ ބިޑާއެކުވެސް ޕީއެސްޖީން ގެންގުޅުނީ 'މުށްބާރު' ވިސްނުމެކެވެ. ވަކި އަގެއް ރެއާލްއަށް ދީފައިވާނެ ކަމަށާއި ވަކި ވަގުތެއްވެސް ރެއާލްއަށް ދީފައިވާ ކަމަށް އޭރުވެސް ޕީއެސްޖީން ދިޔައީ ބުނަމުންނެވެ.
ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމްބާޕޭ ހޯދުމަށް ރޭ ރެއާލްއިން ހުށަހެޅީ ބޯނަހާއެކު 250 މިލިއަން ޕައުންޑުގެ ބިޑެވެ. އެ ބިޑަށް ޕީއެސްޖީން ޖަވާބެއް ނުދީ ދޫކޮށްލި ކަމަަށްވެސް ނޫސްވެރިން ރިޕޯޓު ކޮށްފައިވެއެވެ. ވަކި ޖަވާބެއް ޕީއެސްޖީން ނުދީ ބިޑު ދޫކޮށްލާފައިވުމާއެކު ބެލެވޭ ގޮތުގައި މިހާރު ޕީއެސްޖީ އާއި ރެއާލްގެ ގުޅުން އޮންނާނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ބޭނުންވެ، އެ ކުލަބުގެ ކިބައިން މިފަހަރު އެދިފައިވެއެވެ. އެމްބާޕޭ ކުލަބަށް އަންގާފައި ވަނީ މިފަހަރު ދޫކޮށްދިނުމަށާއި ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށެވެ. މިހާރު އޮތް ގޮތުން އެމްބާޕޭގެ ޕީއެސްޖީ ކޮންޓްރެކްޓް ސީޒަން ނިޔަލަށް ހަމަވާނެއެވެ. އާ ކޮންޓްރެކްޓެއްގައި ސޮއިނުކޮށް އޮވެއްޖެ ނަމަ، ޖެނުއަރީ މަސް ތެރޭ އެމްބާޕޭ ބޭނުން ޓީމަކާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެއެވެ. އެއީ ހިލޭ ޓްރާންސްފާއެއްގައި އަންނަ އަހަރު ޖުލައި މަހު އެޓީމަކާ ގުޅޭ ގޮތަށެވެ.
ނޫސްތަކުން ބުނެފައިވާ ގޮތުގައި ރެއާލްއަށް ދާން ޕީއެސްޖީން ދޫ ނުދިނުމުން އެމްބާޕޭ މިހާރު ހުރީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއްގައެވެ. އަދި ކޮންޓްރެކްޓް އާނުކޮށް، ރެއާލްއަށް ދާން އެމްބާޕޭ ބޭނުންވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު