ކޮވިޑުން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ނަމަ ޕީސީއާރް ހަދައިގެން ނޫނީ ވަޒީފާއަށް ނުނެރުމަށް އަންގައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު، ވިޔަފާރިތަކުން މިއަދުން ފެށިގެން ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.
އެގޮތުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި / ކުންފުނި / ޕާޓްނާޝިޕް / ކޯޕަރޭޓިވް ސޮސައިޓީ) ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރަން ޖެހޭނެ އެވެ. އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން، ޕީސީއާރް ޓެސްޓް ހަދައިގެން ނޫނީ މަސައްކަތަށް ނިކުމެގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. އަދި އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ފޯރުކޮށްދިނުމުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ހިދުމަތް ހޯދާ ފަރާތްތަކަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއް ނަމަ، ހިދުމަތް ނުދިނުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ހެލްތު މިނިސްޓްރީގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ގަރާރުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އެޅުމަށް ނިންމަވާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން، ކޮވިޑް-19 އިން ރައްކާތެރިވުމަށް، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި، ޑޮމެސްޓިކް ވައިގެދަތުރު ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ހިދުމަތް ދިނުމުގައި އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ހިދުމަތް ނުދިނުމަށެވެ.
އެ ގައިޑްލައިނުގައި ބުނެފައިވަނީ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތި ވާނެ ކަމަށެވެ. އޭގެ ތެރޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ހުރިއިރު، ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުނަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ނުދިނުން ވެސް ހިމެނެ އެވެ.
މިހާތަނަށް ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 383،620 އަރާފަ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 302،182 ވަނީ އަރާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު