ބައިނަލްއަގްވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސްގެ ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިރޭ ބޭއްވި މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ޖަލްސާގައެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ދިވެހި ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ އެ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި އިންތިޒާމުގެ ދަށުން ބައިނަލްއަގްވާމީ ބާޒާރަށް ތަކެތި ވިއްކާ ދިވެހި އުފެއްދުންތެރިންނަށް ކޮންމެ ގައުމަކުން ވެސް ފައިސާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑޮލަރުން ލިބޭ ފައިސާ، ކާޑު މެދުވެރިކޮށް އަދި ރެމިޓެންސްގެ ޒަރީއާއިން ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް އެއްވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގަ، ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭއިން މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމް އެއް ނޮވެމްބަރުން ފެށިގެން އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވިޔަފާރިތަކުން ބޭނުންކުރާ ސަބްސްކްރިޕްޝަން ފަދަ ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި ހުރި ދަތިތައް ވެސް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހައްލުވެގެންދާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބަދަލުތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ހުރަސްތައް ނެތިގޮސް، ވިޔަފާރިތަކުގެ އާމްދަނީ އާއި ފައިދާ އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް