ކުޅިވަރު

ޑެޑްލައިން ޑޭ: ރެއާލްއިން އުންމީދީ ތަރި ކަމަވިންގާ އިއުލާން ކޮށްފި، ޗެލްސީން ސައުލް ގެންދަނީ

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވާން ވަގުތު ކުޑަވަމުންދާ އިރު، ބޮޑެތި ކުލަބުތަކުން ޓްރާންސްފާތަކަށް ހޭލަމޭލައަށް މަސައްކަތް ކުރަން ފަށައިފިއެވެ.

ޓްރާންސްފާގެ ފަހު ދުވަހު އާންމުކޮށް ބޮޑެތި ޓްރާންސްފާތައް ހިނގާފައިވާ އިރު، މިފަހަރުގެ ޓްރާންސްފާ ސީޒަންގެ "ޑެޑްލައިން ޑޭ" އަށް އައިރުވެސް ބޮޑެތި ހަބަރުތަކެއް ވަނީ ތިލަވެފައެވެ. އަދި ބައެއް ހިނގާނެ ކަމަށް ބެލެވުނު ޓްރާންސްފާތަކަށް ވަނީ މަޑުޖެހުންތައްވެސް އައިސްފައެވެ. އެއީ އާންމުކޮށް ޑެޑްލައިން ޑޭގައި ކަންތައްވަމުންދާ ގޮތެވެ. މިހާތަނަށް ޓްރާންސްފާ މާކެޓް ބަންދު ނުވެ ބާކީ މަދު ވަގުތުކޮޅެއް އޮތް އިރު، ރެއާލް މެޑްރިޑުން ވަނީ ފްރާންސްގެ އުންމީދީ ތަރި އެޑުއާޑޯ ކަމަވިންގާ އެޓީމަށް ގެންގޮސްފައެވެ.

އުމުރުން 18 އަހަރުގެ ކަމަވިންގާ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ގެންދިޔަކަން އެ ކުލަބުން މިރޭ ވަނީ އިއުލާންކޮށްފައެވެ. އޭނާ ގެންގޮސްފައި ވަނީ ފްރާންސް ލީގުގެ ރެނެސްއިންނެވެ. ރެއާލްއިން ކަމަވިންގާ ގެންގޮސްފައި ވަނީ ޔޫރަޕުގެ ބޮޑެތި ބައެއް އެހެން ކުލަބުތަކުންވެސް އޭނާ ހޯދަން ލޯއަޅަމުން ދަނިކޮށެވެ.

މިދިޔަ 2019 ވަނަ އަހަރު އޭޕްރީލް މަހު ކަމަވިންގާގެ އުމުރުން 16 އަހަރުގައި ރެނެސްއަށް ފުރަތަމަ މެޗު ކުޅެފައިވާ އިރު، އޭނާ ވެފައިވަނީ އެ ކުލަބު ޖާޒީގައި ލީގު މެޗެއް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އެ މެޗާ އެކު މިހާތަނަށް ތަފާތު ކުޅުމެއް ދައްކައި މިދިޔަ ދެ ސީޒަން ތެރޭގައި ކަމަވިންގާ ވަނީ ލީގުގައި 60 މެޗު ކުޅެފައެވެ.

ކަމަވިންގާއަކީ 1914 ވަނަ އަހަރަށްފަހު ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާވެސް މެއެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެފައެވެ.

ކަމަވިންގާއަކީ ރެއާލް އިން މި ޓްރާންސްފާގައި ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. އެޓީމުން ދެން ގެންގޮސްފައި ވަނީ ޑޭވިޑް އަލާބާއެވެ. އޭގެ އިތުރުން އެމްބާޕޭ ހޯދުމަށް އަދިވެސް ޕީއެސްޖީއާ ވާހަކަ ދައްކަމުން އަންނަ އިރު، ޕީއެސްޖީން ދޭން ބުނާ އަގު ދޭން ރެއާލް އެއްބަސް ނުވަނީސް އެ ޓްރާންސްފާ ހިނގާނެ ކަމަކަށް ނުބެލެވެއެވެ.

ޗެލްސީން އެތުލެޓިކޯ މެޑްރިޑުގެ ސައުލް ނިގޭޒް ލޯން އެއްބަސްވުމެއްގައި ގެންދަން އެއްބަސްވެފައިވާ ކަމަށް ނޫސްތަކުން ވަނީ ޔަގީން ކޮށްދީފައެވެ. ޗެލްސީން އެކަން އަދި ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، ލޯން އެއްބަސްވުމެއްގެ ދަށުން ސައުލް ޗެލްސީއަށް ގެންދަން ދެ ކުލަބުން ވަނީ އެއްބަސްވެފައެވެ.

ސައުލް ވަނީ މީގެ ކުރިން އެތުލެޓިކޯ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެ ޓްރާންސްފާތަކުގެ އިތުރުންވެސް އަދިވެސް ޓްރާންސްފާތަކުގެ ހަބަރުތައް މީޑިއާގައި ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. ޔޫރަޕުގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ޓްރާންސްފާތައް ހިނގި މި ޓްރާންސްފާ ސީޒަން ނިމުމަކަށް އަންނަ އިރު، މިވަގުތުވެސް ގިނަ ކުލަބުތަކެއްގެ މެދުގައި ދަނީ ވާހަކަތައް ދެކެވެމުންނެވެ.