ޚަބަރު

ހުންއައިސް ބޭރަށް ހިންގައި ހޮޑުލެވޭ ރޯގާއެއް ކުޑަކުދީންގެ މެދުގައި ބާރަށް ފެތުރެނީ

ރިފާ ހަލީލު

ރާއްޖޭގައި ހަލުއިކަމާއެކު ރޯގާއެއް ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ. މި ރޯގާގައި އެންމެ އާންމު ކަމަކީ ހޮޑުލެވުމާއި ބޭރަށް ހިންގުމާއި ހުން އައުން އަދި ރޯގާ ޖެހުން ކަމަށް ވަން އަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

ހާއްސަކޮށް ކުޑަކުދީންނަށާއި ސްކޫލް ދަރިވަރުން މި ރޯގާ ޖެހޭ އަދަދު ވަނީ އިތުރުވެފަ އެވެ. މާލެ އާއި އަތޮޅުތެރޭގައިވެސް މި ރޯގާ ޖެހޭ ކުދީން އިތުރުވެ ސްކޫލްތަކަށް ދާ ދަރިވަރުންގެ އަދަދު ވަނީ މަދުވެފަ އެވެ.

އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "ވަން" އަށް ވިދާޅުވީ މިހާރު ފެތުރެމުންދާ ރޯގާގެ އަސަރު އެ ސްކޫލަށްވެސް ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ސްކޫލަށް ހާޒިރު ނުވާ ކުދިންގެ އަދަދު މާ ބޮޑަށް ދަށް ނުވާ ކަމަށާއި އެކަމަކު ކުލާހަކުން ދެ ކުދިން ތިން ކުދިން ހާޒިރު ނުވާ ކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އެ ސްކޫލު ހުޅުވުނު ފަހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީވެސް އެންމެ ކުއްޖެއް ކަމަށާއި ނަމަވެސް އެ ކުއްޖާވެސް މިހާރު ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް އިތުރު ކުއްޖަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯގާގެ އަލާމާތެއް ހުރެއްޖެ ނަމަ އެކަން އެ ކުލާހެއްގެ ޓީޗަރާ ހިއްސާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެފަދަ ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ. މި ރޯގާއިން ދަރިވަރުން ސަލާމަތް ކުރުމަށް ބެލެނިވެރީންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ސްކޫލުންވެސް ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

"ވަން"އާއި ވާހަކަ ދެއްކި އަތޮޅުތެރޭގެ ބެލެނިވެރިޔަކު ބުނީ އޭނާގެ ދަރިފުޅު ދާ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން މި ރޯގާ ޖެހިގެން ސްކޫލަށް ހާޒިރު ނުވާ ކަމަށެވެ. ބައެއް ކުލާސް ތަކުގައި ވަރަށް ގިނަ ކުދީން ބަލިވެ ސްކޫލަށް ނުދާ ކަމަށްވެސް ބުންޏެވެ.

"މިރަށުގަ ވަރަށް ބޮޑަށް ރޯގާ އެބައުޅޭ. ދެން ހާލަތުގެ ގޮތުން ވެސް ގިނަ ބެލެނެވެރިން ބޭނުމެއް ނުވާނެ ދަރިވަރުން ފޮނުވަންވެސް." އޭނާ ބުުންޏެވެ.

މާލޭގެ ސްކޫލެއްގެ ބެލެނިވެރިޔަކު ބުނީ އޭނާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ދެ ދަރިވަރަކަށް މި ރޯގާ ޖެހި ސްކޫލަށް ނުދެވޭ ގޮތް މެދުވެރިވެފައިވާ ކަމަށާއި އެ ދެކުދީންވެސް ހޮޑުލައި ބޭރަށް ހިންގާ ކަމަށެވެ.

"އެއްކުއްޖަކު މި އުޅެނީ އަހުމަދިޔާގަ. ދެވަނަ ކުއްޖާ ޖޭއެސް. ދެ ކުދީންނަށް ވެސް ސްކޫލުން ޖެހުނު ކަމަށް ބެލެވެނީ. އެ ކުދީން އެބަ ބުނޭ ސްކޫލުގައި މި ރޯގާ އެބަ އުޅޭކަމަށް. އެކުވެރި އެހެން ކުދީންވެސް ޖެހިގެން އުޅޭ ކަމަށް. އެހެންވީމަ ސްކޫލުތަކުގަ ވަރަށް ބޮޑަށް ފެތުރޭ ކަމަށް ފާހަގަ އެބަވޭ." މާލޭގެ ސްކޫލަށް ކުދީން ފޮނުވާ ބެލެނިވެރިޔާ ބުންޏެވެ.

އެހެން ސްކޫލެއްގެ ޕްރިންސިޕަލަކު ވެސް ވަނީ ބަލިވެގެން ސްކޫލަށް ކުދީން ހާޒިރު ނުވާ ކަން ފާހަގަ ކުރައްވައިފަ އެވެ. އެ ޕްރިންސިޕަލް "ވަން" އަށް ވިދާޅުވީ އެ ސްކޫލުގައިވެސް ކޮންމެ ކުލާހަކުން ތިން ހަތަރު ކުދިން ބަލިވެގެން ސްކޫލަށް ހާޒިރު ނުވާ ކަމަށެވެ.

އެހެންކަމުން މި ރޯގާއިން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅު ދުރާލައި އެޅުމަށް ސްކޫލްތަކުގެ ވެރިން ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

އަރިދަފުސް ރޯގާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކަރުތެރެ ހަލާކުވުން ނުވަތަ ފާރުވުން، ނޭފަތް ބެދުން، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، ކިނބިހިއެޅުން، އަދި ކެއްސުން ހިމެނެއެވެ. މީގެ އިތުރުން ލޯރަތްވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ކާހިތް ނުވުން، ނުތަނަވަސްވުން ފަދަ ކަންތައްތައް އަދި ބޭރަށް ހިންގުމާއި ހޮޑުލުން ވެސް ހިމެނެ އެވެ.

އަރިދަފުސް ރޯގާ އަކީ ދުނިޔޭގައި އެންމެ އާންމުކޮށް ފެތުރޭ އެއް ރޯގާ އެވެ. މިއީ ވައިރަސް އަކުން ޖެހޭ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކެއްގެ ގަޔަށް އަރާ ބައްޔެކެވެ.