ޚަބަރު

ވެކްސިން ފުރިހަމަ ނުކުރާ ފަނޑިޔާރުން ވެސް ކޮންމެ 14 ދުވަހަކުން ޓެސްޓުކުރަން ޖެހޭ

މުއާވިޔަތު އަންވަރު

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައި ނުވާ ފަނޑިޔާރުން، މާދަމާއިން ފެށިގެން ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވެކެސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކެސިންގެ ޑޯޒްތައް ޖަހާފައި ނުވާ ނަމަ، ސެޕްޓެމްބަރު މަހު އެއްވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުމެވޭނީ ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓް ހަދައިގެން ކަމަށް، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ކަނޑައަޅުއްވާފައި ކަމަށެވެ.

"ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަނޑިޔާރުން ވެކްސިން ޖެހުމަށާއި އަދި ވެކްސިން ޖެހުމަށް ޝަރުތު ފުރިހަމަވާ ފަނޑިޔާރުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ ފަނޑިޔާރުން 1 ސެޕްޓެމްބަރު 2021 ން ފެށިގެން ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓް ހައްދަވައިގެން ވަޒީފާއަށް ނުކުތުމަށް ދެންނެވީމެވެ،" ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތައް އެއްގަމާއި ކަނޑު އުޅުނދުފަހަރުން ދަތުރު ކުރުމަށް ފުރުސަތު ނުދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ އަންގާފަ އެވެ.

މިހާތަނަށް ރާއްޖޭގައި 383،089 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 301،857 އެވެ.